ގްރޭޑު އެކެއްގެ ދަރިވަރުންނަށް އުނގަންނައިދޭން ބޭނުންކުރާ ގުރުއާން ފޮތް ޕްރިންޓު ކުރިއިރު ދެ އާޔަތެއް އެކުވެފައި އޮތްކަން ފާހަގަކުރެވި އެ ސޮފްހާ ބަދަލުކުރަން މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިއަދު ނެރުނު ބަޔާނެއްގައި އެޑިއުކޭޝަނުން ބުނީ ދެ އާޔަތެއް އެކުވެފައިވާކަން މިނިސްޓްރީއަށް ފާހަގަކުރެވުމާއި ގުޅިގެން އެކަން ހައްލުކުރުމުގެ މަސައްކަތް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ސޮފްހާ ބަދަލުކުރަން އަމަލުކުރަންޖެހޭ ގޮތް ސްކޫލުތަކާއި ހިއްސާކޮށް ސްކޫލުތައް މެދުވެރިކޮށް އެކަން ބެލެނިވެރިންނާވެސް މިހާރު ހިއްސާކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ފޮތްތަކަކި ޕްރިންޓު ކުރުމުގެ ކުރިން އެންއައިއޭ އާއި އިސްލާމިކް މިނިސްޓްރީންވެސް ޗެކްކޮށް ފާސްކޮށްފައިވާ ފޮތްތަކެއް ކަމަށެވެ. އެހެންކަމުން ޕްރިންޓު ކުރުމުގައި މި ދިމާވި މައްސަލައަކީ ކިހިނެއް ދިމާވި މައްސަލައެއްތޯ ބެލުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.