ހައެއް މޭގެ ހަމަލާއާއި ގުޅިގެން ބަޔާން ނަގަން ޔޫކޭއަށް އަންނަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހައެއް މޭގެ ހަމަލާއާއި ގުޅިގެން ރައީސް ނަޝީދުގެ ބަޔާނެއް ބޭނުންވާކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. ބަޔާން ލިބޭނެކަމަށް އުއްމީދު ކުރައްވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްވެސް ވިދާޅުވި އެވެ.
މިމަހުގެ ދެ ވަނަ ދުވަހު ރައީސް ނަޝީދު ވަނީ ބަޔާން ދެއްވަން އެއްބަސްވެވަޑައިގެންފަ އެވެ. މިވަގުތު އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ނަޝީދުގެ ބަޔާން ނަންގަވަން ޔޫކޭއަށް ދިޔުމުގެ މަޝްވަރާތައް ޕީޖީ އޮފީހާއިއެކު ކުރަމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިކަމާއި ގުޅިގެން ނަޝީދު މިއަދު ވިދާޅުވީ މިއީ އެމަނިކުފާނުގެ މައްޗަށް އުފުލޭ ދައުވާއެއް ނޫންކަމަށާއި އެހެންނަމަވެސް އެމަނިކުފާނުގެ ބަޔާން ނަންގަވަން ބޭނުންވާނަމަ އިނގިރޭސިވިލާތުގެ އިދާރާތަކާއި ފުލުހުން މަޝްވަރާ ކުރުން މުހިންމުކަމަށް ދެކޭކަމަށް ނަޝީދު ވިދާޅުވި އެވެ.
ފުލުހުން ބުނީ ނަޝީދުގެ ބަޔާން ނަގަން ޔޫކޭއަށް ދިޔުމާއިމެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށެވެ.
ހަމަލާއާއި ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާއިރު ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް ނަޝީދު އެދިވަޑައިގަންނަވަ އެވެ.