ސަރުކާރުގެ ފަރާތުންހެއްކާއިބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިބިލު ސަރުކާރުގެ ފަރާތުން ހުށަހެޅީ އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެވެ. ބިލްގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވައިފަ އެވެ.
މި ބިލު ހުށަހެޅި މަގުސަދުގެ ގޮތުގައި ބުނެފައިވަނީ މިހާރު އަމަލު ކުރާ ހެއްކާބެހޭ ގާނޫނަކީ މި ޒަމާނަށް ކަމުދާ ގާނޫނަކަށް ނުވާތީވެ ޒަމާނީ ގާނޫނެއް ގެނައުން ކަމަށެވެ. މަޖިލީހަށް ހުށަހެޅި ބިލްގައި ހެކީގެ ބާވަތްތަކާއި ހެކި ދަރަޖަ ކުރެވިގެންވާ ގޮތާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ބަސް ނެގުމާއި ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައަޅައި ދީފައި ވެއެވެ.
އެގޮތުން ބިލުގައި ވަނީ މަދަނީ އަދި ޖިނާއީ މައްސަލަތަކުގަ އާއި އިސްލާމް ދީނުގައި ހައްދު އަދި ގިސޯސް ކަނޑައެޅިފައިވާ ކުށްތައް ސާބިތު ކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތު ކުރުމުގެ ޒިންމާއާ ގުޅޭ އުސޫލުތައް ކަނޑައަޅަން ހިމަނައިފަ އެވެ.
މީގެ އިތުރުން ހެކި ހުށަހެޅުމަކާ ނުލައި ސާބިތު ވެގެންވާ ކަންކަމުގެ ގޮތުގައި ކޯޓުން ބަލައިގަންނާނެ ކަންކަން ވެސް ބިލްގައި ބަޔާން ކޮށްފައިވެ އެވެ. އަދި ހެކީގެ ގޮތުގައި ހުށަނޭޅޭނެ އިމްތިޔާޒު ލިބިގެންވާ ކަންކަމާއި އެ ނޫން ވެސް ހެއްކާ ބެހޭ އާންމު އުސޫލުތައް ވެސް ބިލްގައި ކަނޑައަޅާ ދީފައިވެ އެވެ. ހެކި ބަސް ދޭ މީހާއަށް ރައްކާތެރިކަން ދޭން ޖެހޭ ނަމަ އެކަން ކުރާނެ ގޮތްތައް ވެސް ބުނެދީފައިވެ އެވެ.
ހެއްކާއި ބެހޭ ބިލުގައި 150 މާއްދާގެ މައްޗަށް އެކުލެވޭ 19 ބާބެއް ހިމެނެ އެވެ.