މަގުމަތީގައި ހުންނަ ކުނި ކޮތަޅުތަކުން ކައިބޮއިއުޅޭ މީހުންނަށް ސަރުކާރުގެ ހަރަދުގައި ކާން ދެވޭނެ ގޮތެއް އިންތިޒާމުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުގައި ކުރިއަށް ގެންދާ ކާބޯތަކެތީގެ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ ކާބޯތަކެއްޗަކީ ސީދާ ރައްޔިތުންނާއި ގުޅުންހުރި ކަމެއް ކަމަށާއި އެހެންކަމުން މި ބިލުވެސް ގުޅެންޖެހޭނީ ސީދާ ރައްޔިތުންނާއި ކަމަށެވެ.
އެގޮތުން މަގުމަތީގައި ހުންނަ ކުނި ކޮތަޅުން ކައިބޮއި އުޅޭ މީހުންނަށް މި ބިލުގެ ޒަރިއްޔާއިން ރައްކާތެރިކަން ދިނުމަށް އޭނާ ގޮވައިލެއްވި އެވެ. ގާނޫނުގެ ތެރެއިން އެންމެ ނިކަމެތި މީހާއަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ހަމަޖެހެން ޖެހޭނެކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
އަޅުގަނޑުމެން މިކިޔާ ގޮނޑުހޮވައިގެން ކައިބޮއި މިހަދާ ހާލަތުގައި ތިބި މީހުންނާ ދޭތެރޭގައި ވިސްނާ ފިކުރު ކޮށްގެން ނޫން ގޮަތަކަށް މިކަހަލަ ބިލެއް ފަރުމާ ކޮށްގެން ނުވާނެ.
- މަޖިލިސް މެމްބަރު އާދަމް ޝަރީފު
ކާބޯތަކެތީގެ ވަކި ސްޓޯރޭޖެއް އެންމެ ނިކަމެތި މީހާއަށްވެސް ލިބެން ހުންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ އިންތިޒާމެއްގެ ދަށުން ކަންކަން އިންތިޒާމު ކުރުމަށް އާދަމް ޝަރީފު ގޮވައިލެއްވި އެވެ.
ސަރުކާރުން ހަރަދުކޮށްގެން ވަކި އައުޓްލެޓެއް މެދުވެރިކޮށް މަގުމަތިން ކައިބޮއި އުޅޭ މީހުންނަށް ކާންދިނުމަށް އާދަމް ޝަރީގު އެދިވަޑައިގެންނެވި އެވެ.
ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނު ހުށަހެޅުއްވި ކާބޯތަކެތީގެ ބިލަކީ ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އިމްޕޯޓުކޮށް އެކްސްޕޯޓުކުރާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރު ކަނޑައެޅުމުގެ އުސޫލުތައް ބަޔާން ކުރުމާއި ރާއްޖޭގައި ގެންގުޅޭ ކާބޯތަކެއްޗަކީ ސިއްހީ ގޮތުން ބޭނުންކުރަން އެކަށީގެންވާ ރައްކާތެރި ތަކެތީގެ ގޮތުގައި ކަށަވަރުކުރަން އުސޫލުތަކާއި މިންގަނޑުތައް ބަޔާންކުރަން ހަދާ ގާނޫނީ އޮނިގަނޑު އެކުލެވޭ ބިލެކެވެ.