ކުނި ނަގަން ރަޖިސްޓްރީކޮށްފައިވާ ހުރިހާ ގެއެއްގެ ފަންގިފިލާއަކަށް ވަދެ ވެމްކޯގެ މުވައްޒަފުން ކުނި ނަގަން ނިންމައިފި އެވެ.
ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިގޮތަށް ކުނި ނެގުމުގެ ހިދުމަތް ދޭނީ ހަމައެކަނި ފައިސާ ދައްކާ ގޭބީސީތަކަށް އެކަނި ކަމަށެވެ. އެގޮތުން ހިދުމަތަށް ރަޖިސްޓްރީ ނުކުރާ ވަރަށްގިނަ ފަރާތްތައްވެސް އެބަހުރި ކަމަށާއި ރަޖިސްޓްރީ ކުރުމަށްފަހު ފައިސާ ނުދައްކާ ފަރާތްތައްވެސް އެބަހުރި ކަމަށް ބަޔާނުގައި ބުންޏެވެ.
ވެމްކޯއިން ބުނީ ކުރިއަށް އޮތްތަނުގައި ކުނި ނެގުމުގެ ހިދުމަތް ދޭނީ ހަމައެކަނި ފައިސާ ދައްކާ ގޭބީސީތަކަށް އެކަނި ކަމަށެވެ. އެގޮތުން ފައިސާ ނުދައްކާ ފަރާތްތަކުން މިދިޔަ ތިން މަހުގެ ބިލު ފިޔަވައި އިތުރު ބިލުތައް ދައްކައި ހަލާސް ކުރުމުން ނޫނީ ދެން ކުނި ނެގުމުގެ ހިދުމަތް ނުދޭނެ ކަމަށްވެސް ވެމްކޯއިން ބުންޏެވެ.
ކޮވިޑް-19 ގެ ސަބަބުން ވެމްކޯގެ މުވައްޒަފުން ކުނި ނަގަމުން އައިސްފައިވަނީ ގެތަކުގެ ބޭރުންނެވެ. އެހެންނަމަވެސް މިމަހުގެ 15 އިން ފެށިގެން ކުރިންވެސް ވެމްކޯގެ ހިދުމަތް ދެމުން ދިޔަ އުސޫލުން ހުރިހާ ފަންގިފިލާއެއްގެ އެޕާޓްމެންޓުން ކުނި ނަގާނެ ކަމަށް ވެމްކޯއިން ބުންޏެވެ.
މީގެ އިތުރުން ވެމްކޯގެ ހިދުމަތަށް ގޭބީސީތައް ރަޖިސްޓްރީ ކޮށްދޭނީ ހަމައެކަނި ގޭގެ ވެރިފަރާތުގެ ނަމުގައި އެކަނިކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
މިމަހުގެ 15 އިން ފެށިގެން ވެމްކޯއިން މާލޭގައި ކުނި ނަގާނީ އިރުއޮއްސި 6 އާއި ރޭގަނޑު 11 އާއި ދެމެދު އެވެ. މީގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގައި ކުނި ނަގާނީ ރޭގަނޑު 8 އާއި ރޭގަނޑު 11 އާއި ދެމެދު އެވެ.
ކުނި ނަގާއިރު ކޮންމެ ގޭބީސީއަކުން ދުވާލަކު އުކާލެވޭނީ ދުވަހު ކުނީގެ މިންގަނޑަށް ފެތޭ 40 މީޓަރު ސައިޒުގެ ތިން ޑަސްބިން ކޮތަޅުގެ ކުނި ނުވަތަ ކަޅު ޑަސްބިން ކޮތަޅުގެ 120 ލީޓަރުގެ ކުނި ކަމަށް ވެމްކޯއިން ވަނީ ކަނޑައަޅައިފަ އެވެ.