ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ ދައުލަތުގެ މީޑިއާ ހިސޯރުކުރެއްޓި ޓެރަރިސްޓެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ގްރޫޕަކަށް މެމްބަރު ރަޝީދު ކުރެއްވި މެސެޖެއްގައި ވަނީ 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައި ހާދިސާ ތަހުގީގުކޮށް ރިޔާސީ ކޮމިޝަން (ކޯނީ) އިން ނެރުނު ރިޕޯޓުން ބައެއް ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން 7 ފެބުރުއަރީގެ ހާދިސާގައި އެންމެ އިސްކޮށް އުޅުއްވީ އިމްރާނުކަން އެ ރިޕޯޓުގައި އިމްރާން ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވާކަން އޭގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ވަނީ އޭރު މުޒާހަރާގެ ބައިވެރިންނާއި އިމްރާން ދެއްކެވި ވާހަކަތަކުގެ ތަފްސީލާއި ދައުލަތުގެ މީޑިއާއަށް އިމްރާން ވެރިވެގަތް ގޮތުގެ ތަފްސީލުވެސް ހިއްސާ ކޮށްފަ އެވެ.
މިކަމަށް އިޝާރާތް ކުރައްވައި ބޮންޑޭ ވިދާޅުވީ ރައީސް އަދި ދައުލަތުގެ އެންމެ އިސްވެރިޔާ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ދައުލަތުގެ މީޑިއާގެ ދޮރަށް ބަޑިޖަހައި ދައުލަތުގެ މީޑިއާއަށް ވެރިވެގަތުމަކީ ބަގާވާތެއްކަމަށެވެ. އަދި އޭރުގެ ރައީސް އިސްއުފާ ދެއްވުމުގެ ކުރިން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ވީޓީވީގެ މަންޒަރުތައް ދުރަށް ފޮނުވިކަމަށްވެސް މެމްބަރު ވިދާޅުވި އެވެ.
އިމްރާން ދައުލަތުގެ މީޑިއާ ރަހީނުކުރިކަމަށް ވިދާޅުވެ މެމްބަރު ރަޝީދު ވަނީ އެއީ ޓެރަރިސްޓުގެ އަމަލެއްކަމަށް ވިދާޅުވެފަ އެވެ. އަދި އިމްރާން ހިންގީ ސާފު ހާލިސް ބަގާވާތެއް ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ބޮންޑޭ ވިދާޅުވީ ޖިނާއީ ބޮޑެތި ކުށްވެރިން އިސް މަގާމުތަކަށް ލައިގެން ހިންގާ ސަރުކާރަކަށް ރައްޔިތުންގެ އިތުބާރު ދުވަހަކުވެސް ނުލިބޭނެ ކަމަށެވެ.