މަނީލޯންޑަރިންގެ ހުކުމުގައި އެންމެ ވަރުގަދަ ހެއްކަކަށް ހުށައަޅުއްވާފައިވަނީ "އެމަނިކުފާނަށް އެކަން އެނގިލައްވާނެ ކަމަށް ބުނެ ހުށައަޅާފައިވާ ހެކި"ކަމަށާއި އެހެންކަމުން އެ ހެކިން ބަރީއަވުމަށް ވެރިކަން ކުރެއްވި ދުވަސްވަރުގެ އެޕޮއިންޓްމަންޓް ލޮގް ދޭން މިސަރުކާރުގައި އެދިލެއްވި ނަމަވެސް އެކަމަށް ޖަވާބު ނުދިން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މިއަދު ސުޕްރީމް ކޯޓުގައި ފެށި މަނީ ލޯންޑަރިންގެ ހުކުމުގެ އިސްތިއުނާފީ ޝަރީއަތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ހުށައެޅުނު އެންމެ ވަރުގަދަ ހެއްކަކީ " އެ ފައިސާއަކީ ތުހުމަތު ކުރެވޭ ފައިސާތަކެއްކަން އޭސީސީން ރައީސް ޔާމީނަށް އެންގި އެންގުން"ކަމަށެވެ. ނަމަވެސް އެމަނިކުފާނު އޭރުގެ އޭސީސީގެ ނައިބު ރައީސަކަށް ހުންނެވި މުއައްވިޒު ރަޝީދާއި ރައީސަކަށް ހުންނެވި ހަސަން ލުތުފީއާއި ބައްދަލު ނުކުރައްވާ ކަމަށް މިއަދުގެ ޝަރީއަތުގައި ވެސް ވިދާޅުވި އެވެ. މުއައްވިޒު ފުރަތަމަ ފުލުހުންނަށް ދެއްވި ބަޔާނާއި ފުލުހުންނަށް ފޮނުއްވެވި ސިޓީއާއި ދިމާ ނުވާކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ރައީސް އޮފީހަށް ލިޔުނިން އަޅުގަނޑުގެ އެޕޮއިންޓްމެންޓް ލޮގްތައް ދެއްވާށޭ. ރައީސް އޮފީހުން ކަނޑައެޅިގެން އެއަށް ޖަވާބެއް ނުދެއްވި. އަޅުގަނޑު ކޯޓުގެ މަރުހަލާގައި ނުވަތަ މި ކުށުން ބަރީއަ ވުމަށްޓަކައި އަޅުގަނޑު ބޭނުންވީ އަޅުގަނޑާއި މުއައްވިޒު ބައްދަލު ނުކުރާކަން ސާބިތު ކުރުމަށް. އެއީ މުއައްވިޒަކަށް އަޅުގަނޑާއި ބައްދަލު ކުރެއްވުނުކަމަށް ސާބިތު ނުކޮށްދެވުއްނު. މުއައްވިޒު އޮންނަނީ ފުލުހުންނަށް ދެއްވި ބަޔާނުގައި ރައީސް ޔާމީނާއި ބައްދަލު ކުރައްވަން އުޅެ އުޅެ ބައްދަލު ނުކުރެއްވުނޭ.
ރައީސް ޔާމީނު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ހިންގެވީ ގާނޫނުގެ މަގުން ކަމަށެވެ.
މިމައްސަލައިގެ ދަށު ކޯޓު މަރުހަލާގައި ބޭއްވި ޝަރީއަތުގައި ހެކި ބަސް ދެއްވަމުން މުއައްވިޒު ވިދާޅުވެފައިވަނީ އެސްއޯއެފްގެ ފައިސާތައް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމުގެ މައުލޫމާތު ލިބުމުން އޭސީސީއިން ބަލަން ފެށި ކަމަށާއި އަދި ރައީސް އޮފީހަށް ވަޑައިގެން އެމަނިކުފާނާއި އެކީގައި ވަކި ކޮޓަރިއެއްގައި އޭނާއާއި އޭސީސީގެ އޭރުގެ ރައީސް ހަސަން ލުތުފީ ބައްދަލު ކުރެއްވި ކަމަށެވެ.
ރައީސް ޔާމީނާއި ސުވާލު ކުރީ މައުލޫމާތު ސާފުކުރުމަށް ކަމަށާއި ރައީސް އޮފީހަށް ވަޑައިގެންނެވީ ވަކި ލެވެލްއެއްގެ ބޭފުޅުންނާއި ބައްދަލުކުރަން ދަނީ އޭސީސީއިން ކަމަށްވުމުން ކަމަށްވެފައި އެއީ އެކޮމިޝަނުން އަމަލުކުރަމުންދާ އުސޫލު ކަމަށްވާތީ ކަމަށް މުއައްވިޒު ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި ރެކޯޑް ނުކުރެވޭނެކަމަށް ކަނޑައެޅީ ރައީސް އޮފީހުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަޔާން ޑްރާފްޓް ކުރުމުގައި ކަން ހިނގާފައިވަނީ ރައީސް ޔާމީން ބޭނުންފުޅުވި ގޮތަށް އެމަނިކުފާނުގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރު ބޭނުންވެލެއްވި ގޮތަށެވެ. ނަމަވެސް އޭސީސީއިން އެ ޑްރާފްޓް ފައިނަލް ކުރި ކަމަށް މުއައްވިޒު ހެކިބަސް ދެއްވަމުން ވިދާޅުވި އެވެ.