ރާއްޖޭގައި މިހާރު އިންސާނީ ވަގުފާރި ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ވޯކް ޕާމިޓަކާއި ނުލައި ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭކަން ފާހަގަވެ، އިންސާނީ ވަގުފާރީގެ މައްސަލަތަކެއް މީގެ ކުރިން ވަނީ ފެންމަތިވެފަ އެވެ. މިކަމާއި ގުޅިގެން ފިޔަވަޅުތަކެއް އަޅަމުން ގެންދާކަމަށް ސަރުކާރުން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖޭގައި އޮތް އިންސާނީ ވަގުފާރީގެ މައްސަލައިގައި ސަރުކާރަށް ކިހާވަރެއްގެ ކުރިއެރުމެއް ހޯދިފައިވޭތޯ މިނިސްޓަރު ފައްޔާޒާއި ސުވާލު ދެންނެވުމުން ވިދާޅުވީ ރާއްޖޭގައި މި ވިޔަފާރި ކުރަނީ ބަންގްލަދޭޝްއިން މީހުން ގެނަސްގެން ކަމަށެވެ. އަދި މިކަން ކުރަން މީގެ ކުރިން ހަމަޖެހިފައި އޮންނަ ސިސްޓަމްގެ ތެރެއިން ވަރަށް ފަސޭހަ ކަމަށާއި ބައެއް މީހުން ދިޔައީ އޭގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ މި ސަރުކާރުން ބަންގްލަދޭޝްއިން ލޭބާ ކެޓެގަރީއަށް މޮރިޓޯރިއަމްއެއް ގެނައުމާއި ގުޅިގެން އަހަރެއްގެ މައްޗަށް ބިލިއަނެއްހާ ރުފިޔާގެ ވަގުފާރި ހުއްޓުވިފައިވާ ކަމަށެވެ. ފައްޔާޒު ވަނީ މި މަސައްކަތުގައި ދިވެހިންގެ އިތުރުން ބިދޭސީންނާއި ސަރުކާރުގެ މުވައްޒަފުންވެސް ބައިވެރިވާކަން ފާހަގަކުރައްވައިފަ އެވެ.
"އިންސާނީ ވަގުފާރި ކަމެއް މިއަދަކު ރާއްޖެއަކު ނެތް. އެހެންނަމަވެސް އަދިވެސް އަޅުގަނޑުމެން ރަނގަޅުކުރަންޖެހޭ ބައިވަރު ކަންތައްތައް އެބަހުރި."
- މިނިސްޓަރު ފައްޔާޒު އިސްމާއިލް
ފައްޔާޒު ވިދާޅުވީ ރާއްޖެއަށް ބިދޭސީން ގެނަސް އެމީހުން ގެންގުޅޭ ގޮތް މޮނިޓާ ކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން ވޭތުވެދިޔަ ދެ އަހަރު ވޯކް ޕާމިޓް ދޫކުރި ބިދޭސީންގެ އަދަދު މަދުކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން މިދިޔަ އަހަރު ޕާމިޓް ދޫކުރީ 89 މީހުންނަށް ކަމަށާއި މިއަހަރު ދޫކުރީ 24 މީހުންނަށްކަމަށް ފައްޔާޒު ވިދާޅުވި އެވެ.