ދޮންދަރިއަކަށް ޖިންސީ ގޯނާކުރި މީހަކަށް އާންމުންގެ މީހުންތަކެއް ނިކުމެ ހަމަލާ ދީފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ބައްޕަގެ މައްޗަށް ކުރެވި އެކަން ފެންމަތިވީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
ފުލުހުންވެސް ވަނީ އެފަދަ މައްސަލައެއްގެ ރިޕޯޓު ލިބިފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އެގޮތުން ފުލުހުން ބުނީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހަކު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިމަހުގެ ނުވަ ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
އެހެންނަމަވެސް އެމައްސަލައިގައި ޝާމިލުވާ މީހާ އަދިވެސް ފުލުހުން ހައްޔަރުކޮށްފައެއް ނުވެ އެވެ.
އާންމުންގެ ބަޔަކު ނިކުމެ އެމީހާއަށް ހަމަލާ ދިންއިރު އަނިޔާ ލިބުނީ 41 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެ އެވެ. އެމީހާއަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.