އދ ގެ ސުލްހައާއި ތަރައްގީ އާއި ބެހޭ އެޑްވައިޒަރު ފާޑިނާންސް ވޮން ހަސްބާގް ތޮލުރިންގެންއާ އިދިކޮޅު ޕީޕީއެމްއިން މިއަދު ބައްދަލުކޮށްފި އެވެ.
މިއަދު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިދިކޮޅު ކޯލިޝަންގެ އެކްޓާނަލް އެފެއާޒް ޑިޕާޓްމެންޓުގެ ބޭފުޅުންނެވެ. އެގޮތުން ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ ރައީސް އޮފީހުގެ ވަޒީރު މުހައްމަދު ހުސައިން ޝަރީފުގެ އިތުރުން ޕީއެންސީގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ޕީޕީއެމްއިން ބުނީ މި ބައްދަލުވުމުގައި ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވަމުން ގެންދާކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން އެޑްވައިޒަރާއި ހިއްސާކުރި ކަމަށެވެ.
އެގޮތުން ރައީސް ޔާމީނާއިމެދު މި ސަރުކާރުން ކަން ކުރަމުން ގެންދަނީ އިންސާފުން ނޫން ކަމަށާއި، އެމަނިކުފާނުގެ ހައްގުތައް ނުގުޅައިގަންނަމުންދާތީ އެކަމުގެ ކަންބޮޑުވުންތައްވެސް އދ. އެޑްވައިޒަރާއި އިދިކޮޅުން ހިއްސާކުރި ކަމަށް ޕީޕީއެމްއިން ބުންޏެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކުރުމުގެ މަރުހަލާ ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށް ދާއިރު މީގެ ކުރިންވެސް އިދިކޮޅުން ވަނީ އެމަނިކުފާނަށް އިންސާފު ހޯދައިދިނުމުގެ މަޝްވަރާތަކާއި އިންސާފު ނުލިބޭކަމުގެ ކަންބޮޑުވުން ބޭރުގެ އެކި ފަރާތްތަކާއިއެކު މަޝްވަރާކޮށްފަ އެވެ.