ބައިނަލްއަގުވާމީ ޓެރަރިސްޓު ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓްސް ނުވަތަ އައިސިސްގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާކަމަށް ފުލުހުން ތުހުމަތުކުރާ މުހައްމަދު އަމީން މިނިވަންވެއްޖެ އެވެ.
ހައިކޯޓުން މިއަދު އަމީން ދޫކޮށްލާފައިވަނީ ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ އެވެ. އެ ކޯޓުން ވަނީ އަމީންގެ މައްޗަށް ކޮށްފައިވާ ދައުވާތައްވެސް ބާތިލުކޮށްފަ އވެެ.
ހައިކޯޓުން މިގޮތަށް ނިންމި ނަމަވެސް އެނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ ބުނެފަ އެވެ.
އަމީނުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.
ދައުލަތުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރެ އެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އަމީނަކީ އައިސިސް ޖަމާއަތާއި ގުޅިގެން އަފްގާނިސްތާނަށް ދިވެހިން ފޮނުވާ މީހެކެވެ. އެމެރިކާގެ ކަމާއިބެހޭ ފަރާތްތަކުން ތައްޔާރުކޮށްފައިވާ ސިއްރު ލިޔުންތަކެއްވެސް އަމީންއާއި ދެކޮޅަށް ފުލުހުން މީގެ ކުރިން ކޯޓަށް ހުށަހެޅި އެވެ. އަދި އޭނާގެ އިލެކްޓްރޯނިކް ޑިވައިސްތަކުގެ ފޮރެންސިކް ރިޕޯޓެއް ހުށަހެޅި އެވެ.
އަމީންގެ މައްޗަށް އެންމެ ފުރަތަމަ ޓެރަރިޒަމްގެ ތުހުމަތު ކުރެވުނީ 2007 ވަނަ އަހަރު ސަލްޓަންޕާކުގައި ގޮއްވައިލި ބޮމުގެ ހާދިސާއާއި ގުޅިގެންނެވެ. އޭރު އަމީން ވަނީ ހައްޔަރު ކުރުމުގެ ކުރިން ރާއްޖެއިން ފިލައިގެން ގޮސްފަ އެވެ. އޭގެ ފަހުން އޭނާ ލަންކާގައި ހުއްޓާ އިންޓަޕޯލްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށް މާލެ ގެނަ އެވެ. އެހެންނަމަވެސް ދެމަސްދުވަހު ޖަލުގައި ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލި އެވެ.
އަމީން އެންމެ ފަހުން ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު ކޯޓުން އިއްޔެ އޭނާ ދޫކޮށްލީ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަސް ފަހުންނެވެ.