އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން، މުޒާހަރާގެ ބައިވެރިންނަށް އިޝާރާތް ކުރައްވައި ކުޑަދޮރުން ހަނާ އެޅުއްވި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނަސޭހަތްތެރިވެއްޖެ އެވެ.
ކަރެކްޝަންސްއިން ބުނީ އެމައްސަލައާއި ގުޅިގެން ރައީސް ޔާމީނަށް ނަސޭހަތް ދީފައިވާނީ ލިޔުމުން ކަމަށެވެ. ރައީސް ޔާމީން ހުންނެވީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށް ނަމަވެސް މިވަގުތު ހުންނެވީ ގެކޮޅުގަ އެވެ.
ރައީސް ޔާމީން ވަނީ މިދިޔަ ހުކުރު ދުވަހު މުޒާހަރާގެ ބައިވެރިން އެމަނިކުފާނުގެ ގެކޮޅުގެ ދޮރުމައްޗަށް އައުމުން ކުޑަދޮރުން ބޯ ދިއްކުރައްވައި ގައުމީ ދިދައާއި ޕީޕީއެމްގެ ދިދަ ވިހުރުވާލައިފަ އެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވަނީ ގަވާއިދާއި ހިލާފުވެފައިވާތީ ރައީސް ޔާމީންގެ މައްޗަށް ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފަ އެވެ.
ކޮމިޝަނާ މިފަދައިން ވިދާޅުވިނަމަވެސް ރައީސް ޔާމީންގެ ވަކީލުން ވަނީ އެމަނިކުފާނާއިއެކު ވެފައިވާ އެއްބަސްވުމާއި ހިލާފުވެފައި ނުވާކަމަށް ވިދާޅުވެފަ އެވެ. އަދި ކޮމިޝަނާ އެފަދައިން ވިދާޅުވީ ސަރުކާރުގެ ނުފޫޒުން ކަމަށްވެސް ވަކީލުންގެ ޓީމުގެ ބައެއް ބޭފުޅުން ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ނަސޭހަތްތެރިވިއިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލު ހުކުމުގައި ހުންނަވައި ސިޔާސީ ޕާޓީއެއްވެސް ވަނީ އުފައްދަވައިފަ އެވެ. އަދި މިހާރުގެ ހޯމް މިނިސްޓަރު މީގެ ކުރިން ޖަލު ހުކުމުގައި ހުންނެވިއިރު އީދު ފާހަގަކުރުމަށް ގޭގެ ބެލްކަނީގައި ހުންނަވައި އާންމުންނާއިއެކު ފެންކުޅިވެސް ކުޅުއްވި އެވެ.