ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން ފަސޭހަކަމާއިއެކު ދުވެގެން ދިއުމާއިއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ޝަރީއަތަށް އަސަރު ކޮށްފާނެތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ދާދި ފަހުން ހައި ކޯޓުން ވަނީ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިސިސް) އަށް ނިސްބަތްވާ ރާއްޖޭގެ ބޮޑެއް މިނިވަން ކޮށްފަ އެވެ. އެކަން އެގޮތަށް ދިމާވީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާ ނުއުފުލުމުންނެވެ.
މިކަމާއި ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓެރަރިޒަމްގެ އެންމެ ބޮޑެތި މައްސަލަތަކާއި ޑްރަގް ޓްރެފިކިންގ ގެ އެންމެ ބޮޑެތި މައްސަލަތައް ފަދަ މައްސަލަތަކުގައި ހައްޔަރުކުރެވި، ދަޢުވާ އުފުލޭ ގިނަ ފަރާތްތައް އާންމުގޮތެއްގައި ފަސޭހަކަމާއެކު ދޫވެދާ ވާހަކައަކީ މުޖުތަމަޢުގައި ގިނަ ބަޔަކު އަބަދުވެސް ކަންބޮޑުވުމާއެކު ދައްކަމުންދާ ވާހަކައެއް ކަމަށެވެ. އިޖުރާޢީ ނުކުތާއެއްގެ ޙުއްޖަތު ދެއްކުމަށްފަހު އެފަދަ ސީރިއެސް ތުޙުމަތުތަކުގައިވާ ފަރާތްތައް ދޫވެގެންދަނީ އަލުން ދަޢުވާ ނުވެސް އުފުލޭނޭ ގޮތަށްކަން އެމްޑީޕީން ވަނީ ފާހަގަކޮށްފަ އެވެ.
"މިގޮތުން އެންމެ ފަހުން، ދަޢުވާކުރެވެން ނެތްކަމަށް ބަޔާންކޮށް ދޫކޮށްލާފައި ވަނީ އިސްލާމިކް ސްޓޭޓް (އައި.އެސް.) ގެ ލީޑަރުގެ ގޮތުގައި ދިވެހިރާއްޖޭގައި ޙަރަކާތްތެރިވެ، ހަނގުރާމައަށް ދިވެހިން ފޮނުވުމަށް ރެކްރޫޓްކޮށް، ހަނގުރާމައަށް ދިވެހިން ފޮނުވަމުންދާކަމުގެ ތުޙުމަތުގައި ޙައްޔަރުކުރެވި، ދަޢުވާއުފުލިފައިވާ މީހެކެވެ. އަދި އެނާ އަކީ ބޭރުގެ ޤައުމުތަކުގެ އިންޓެލިޖެންސް އިދާރާތަކުންނާއި ވޮޗްލިސްޓްގައި ވެސް ފާހަގަކޮށްފައިވާ ފަރާތެކެވެ."
- އެމްޑީޕީގެ ބަޔާން
އެމްޑީޕީން ބުނީ އޭނާ ވެސް ދޫކޮށްލާފައިވަނީ، ތުޙުމަތުކުރެވޭ ކުށުގެ ސީރިއެސް ކަމާއި ހެއްކާއި ޤަރީނާގެ މައްޗަށް ބެލުމުގެ ތެރެއިން ނޫންކަމަށެވެ. ނުވަތަ ހައްޔަރުގައި ބަހައްޓަންޖެހޭ ހެއްކާ ޤަރީނާ ނެތުމުގެ މައްޗަށް ބިނާކޮށެއް ނޫންކަމަށެވެ. އެއާ ޚިލާފަށް އޭނާ ދޫކޮށްލުމަށް ނިންމާފައިވަނީ އިޖުރާޢީ ޙުއްޖަތެއް ކަމަށްވާ، ހައްޔަރުކުރުމާ ގުޅޭ ދެ ޤާނޫނެއްގެ ދެމެދުގައި އުފެއްދި ސުވާލަކާ ގުޅުވައިގެންކަން އެޕާޓީން ފާހަގަކުރި އެވެ.