ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) 8 އަހަރު ދުވަހުގެ މުއްދަތަކަށް ކުންފުންޏެއްގެ މެނޭޖަރުގެ މަގާމު އަދާކުރެއްވިކަމަށް ބުނެ ދޮގު މައުލޫމާތު އާންމުކުރެވުނީ އެ އޮފީހުގެ އިދާރީ މުވައްޒަފެއްގެ ކުށަކުން ކަމަށް ބުނެފި އެވެ.
މޫކޭ އާރުޑީސީގެ އެމްޑީކަމަށް ވަޑައިގެންނެވުމުގެ ކުރިން އަމިއްލަ ކުންފުންޏެއްގެ މެނޭޖަރެއްގެ ގޮތުގައި ހުންނަވާތާ 8 އަހަރު ވެފައިވާކަމަށް އާރުޑީސީގެ ވެބްސައިޓުގައި މީގެ ކުރިން ވަނީ ޝާއިއުކޮށްފަ އެވެ. މިކަން މީޑިއާގެ ސަމާލުކަމަށް އައިސްގެން ބެލިއިރު އެ ކުންފުނި އުފެއްދިތާ ވީ 6 އަހަރެވެ. މިކަމުގެ ރިޕޯޓު ރާއްޖޭގެ ބައެއް މީޑިއާތަކުން ކޮށްފައި ވެއެވެ.
އެކަމާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ފޯރުކޮށްދެމުން އާރުޑީސީގެ އޮފިޝަލަކު ވިދާޅުވީ ވެބްސައިޓުގައި އެފަދައިން ޝާއިއު ކުރެވުނީ އިދާރީ މުވައްޒަފެއްގެ ކުށަކުން ކަމަށެވެ. އަދި މީޑިއާތަކުން މިކަމުގެ ރިޕޯޓު ގެނަސްދީފައިވާތީ އެއީ މޫކޭގެ އަގު ވައްޓައިލުމަށް ކުރި ކަމެއްގެ ގޮތުގައި އޮފިޝަލް ސިފަ ކުރެއްވި އެވެ.
މޫކޭ 8 އަހަރު ދުވަހުގެ މުއްދަތަކަށް މެނޭޖަރުކަން ކުރެއްވިކަމަށް ވެބްސައިޓުގައި ޝާއިއުކުރި އާކޭޒް އިންޓަނޭޝަނަލް އަކީ މޫކޭގެ ކޮއްކޮ އަޝްހަމް އަލީ އާއި އޭނާގެ އަންހެނުން ޒުލައިހާ މުހައްމަދުގެ ކުންފުންޏެކެވެ. މިކުންފުނިން ބައިނަލްއަގުވާމީ ވިޔަފާރީގެ މުއާމަލާތެއް ހިންގާފައިވާކަމަކަށް މައުލޫމާތެއް ނުލިބެ އެވެ.
މޫކޭއާއި ގުޅުވައި ދޮގު މައުލޫމާތެއް އާންމު ކުރިއިރު ސަރުކާރު ކުންފުންޏެއްގެ އެމްޑީއެއްގެ މަގާމަށް އައްޔަންކުރާ ފަރާތެއްގެ އެންމެ ދަށްވެގެން މާސްޓާޒް ޑިގްރީއެއް ނުވަތަ މެނޭޖަރ ލެވެލްގެ މަގާމެއްގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ. އާރުޑީސީއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އުފެއްދި ކުންފުންޏެކެވެ.