ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަން ހުޅުމާލޭގައި ގާއިމްކޮށްފައި ހުންނަ ފިޔަވަތިން ނެރެގެން މިއަދު ގެންދިޔައީ ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ ކުއްޖެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި އަލިފާން ރޯކޮށްލި ފިޔަވަތީގައި މިނިސްޓްރީއާއި މުވައްޒަފުންގެ އިހުމާލު އުޅޭކަމަށް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ. ކަން މިހެން އޮއްވައި ފިޔަވަތިން ކުއްޖަކު ނެރެގެން އެމްބިއުލާންސްއަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. ފިޔަވަތީގައި ރައަޓެއް ހިނގިކަމަށް ބުނެ މިވީޑިއޯ ދައުރުވާއިރު އެކަން ޖެންޑާ މިނިސްޓްރީން މިއަދު ވަނީ ދޮގުކޮށްފަަ އެވެ.
އެގޮތުން މިނިސްޓްރީން ބުނީ އެމްބިއުލާންސްގައި ގެންދިޔައީ ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ ކުއްޖެއް ކަމަށާއި އޭނާ ގެންދިޔައީ އިތުރު ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ކަމަށެވެ.
ޖެންޑާއިން ވަނީ ކުޑަކުދިންނާއި ގުޅޭ މިފަދަ މައުލޫމާތު އާންމު ކުރާއިރު މީޑިއާތަކުން ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.