ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، މިރޭ 9:00 ގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާނެކަން އިއުލާން ކުރައްވައިފި އެވެ.
މީގެ ކުރިންވެސް ނޫސްވެރިންނާއި ބައްދަލުކުރައްވަން އަލީ ވަހީދު މަސައްކަތް ކުރެއްވި އެވެ. އެހެންނަމަވެސް އެފަހަރު އެކަން ވާގޮތް ވަނީ ނުވެފަ އެވެ.
ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި މިނިސްޓަރުގެ މަގާމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމިއްލަފުޅަށް ވަކިކުރެއްވި އަލީ ވަހީދުގެ ޝަރީއަތް ކުރިއަށް ދަނިކޮށް އޭނާ ވަނީ އިނގިރޭސިިލާތަށް ވަޑައިގެންފަ އެވެ. އަލީ ވަހީދު ފުރުވައިލީ ދައުލަތުން ގުޅިގެން ކަމަށް ކުރިންވެސް ތުހުމަތު ކުރެވުނެވެ. އެކަމަށް ބާރު ލިބޭ ވާހަކަތަކެއް އަލީވެސް މިހާރު ގެންދަވަނީ ދައްކަމުންނެވެ.
މިރޭ 9 ޖަހާއިރު ނޫސްވެރިންނާއި ބައްދަލުކުރުއްވާނެކަން އިއުލާން ކުރައްވަމުން އަލީ ވިދާޅުވީ އޭނާ އަޒުލުކުރި ގޮތާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ނިންމި ނިންމުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާނެ ކަމަށެވެ. އަލީގެ ޝަރީއަތް ކުރިއަށް ދަނިކޮށް އޭނާ ރާއްޖެއިން ބޭރަށް ފުރުވައިލީ ދައުލަތުގެ ބޮޑެތި ސިއްރުތަކެއް އެނގިލައްވާތީކަމަށް މީގެ ކުރިންވެސް ވާހަކަ ދެކެވުނެވެ.
އަލީ އިތުރަށް ވިދާޅުވީ ޕީޖީ ހުސައިން ޝަމީމާއި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތާއި އޮތް ގުޅުމުގެ އިތުރުން މި ސަރުކާރުން އިންޑިއާއާއި އެކު ހެދި އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުންވެސް މިރޭ ވާހަކަ ދައްކަވާނެ ކަމަށެވެ.
މީގެ ކުރިންވެސް އަލީ ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާތަކެއް އުފުލައި ހުކުމް ކޮށްފައިވަނީ އިންސާފުން ނޫންކަމަށް ވިދާޅުވެފަ އެވެ. މަގާމުން ވަކިކުރެއްވުމަށްފަހު އަލީ ވަނީ ރައީސް ޔާމީން މިނިވަންކުރުމަށްވެސް ގޮވާލައްވައިފަ އެވެ.
އަލީ މަގާމުން ވަކިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތާއިއެކު އެވެ. މިމައްސަލަ މިހާތަނަށް ސާބިތުވެފައި ނުވާއިރު އަލީ ވިދާޅުވަނީ އެތުހުމަތުތަކަކީ އޭނާ ފްރޭމް ކުރުމުގެ ގޮތުން ބަޔަކު ގަސްތުގައި ކުރާ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަލީ ނިސްބަތްވެލައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ސަރުކާރު ކޯލިޝަން ޕާޓްނަރު ގާސިމް އިބްރާހިމްވެސް ދާދި ފަހުން ވަނީ މިފަދަ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ. ރައީސް ސޯލިހު ވިދާޅުވީ އަލީ ފްރޭމް ކުރެވިފައިވާކަން ބެލޭނީ ތަހުގީގަކަށްފަހު ކަމަށާއި ޝަރީއަތް ނިމުމުން އެކަން އެނގޭނެ ކަމަށެވެ.