ރޭ އިދިކޮޅުން އިންތިޒާމުކޮށްގެން ބޭއްވި މުޒާހަރާއެއްގެ ތެރެއިން، އެ މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ނޫސްވެރިންތަކަކަށް ފުލުހުން އަނިޔާކުރި މައްސަލަ ބަލަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ގޮވާލައިފި އެވެ.
ރޭގެ މުޒާހަރާގައި ވަރަށް ބޮޑަށް އަނިޔާވެގެން ދެ ނޫސްވެރިއަކަަށް ވަނީ ހޮސްޕިޓަލުގައި ފަރުވާވެސް ދީފަ އެވެ. އެގޮތުން ޗެނަލް 13 ގެ ނޫސްވެރިޔާ މުހައްމަދު ސަމާހުގެ ބޯ ފަޅައިގެންގޮސްފައިވާއިރު އެ ޗެނަލްގެ ކެމެރާމޭން މުހައްމަދު ޝަހީމަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ.
މީގެ އިތުރުން އަވަސް އޮންލައިންގެ ނޫސްވެރިޔާއަށްވެސް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފަ އެވެ.
އެމްޖޭއޭއިން ބުނި ގޮތުގައި އެ އެސޯސިއޭޝަނާއި މައުލޫމާތު ހިއްސާކުރި ނޫސްވެރިން ބުނީ ރޭގެ މުޒާހަރާގައި ފުލުހުން ނޫސްވެރިންގެ މަސްއޫލިއްޔަތަށް ހުރަސް އަޅާފައިވާ ކަމަށެވެ. ހާއްސަކޮށް ކަމާބެހޭ ދައުލަތުގެ އިދާރާތަކުން ދީފައިވާ ފާސްތައް ކަރުގައި އަޅާފައި އޮއްވާ ފުލުހުން ނޫސްވެރިންނާއި ދެކޮޅަށް އަނިޔާވެރިވުމުން އެމްޖޭއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެހެންކަމުން އެ އެސޯސިއޭޝަނުން ވަނީ ނޫސްވެރިންނާއި ދެކޮޅަށް ފުލުހުން އަނިޔާވެރިވި މައްސަލަ ބަލަން ކަމާބެހޭ އިދާރާތަކަށް ގޮވާލާފަ އެވެ. އަދި މި މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަންވެސް އެމްޖޭއޭއިން ގޮވައިލި އެވެ.