ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އިސްވެ ހުންނަވައި ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ދެއްކެވި ވާހަކަފުޅުގެ ތެރެއިން ސުޕްރީމް ކޯޓުގެ އަންހެން ފަނޑިޔާރުންގެ ވާހަކަ ވަކިން ގެންނެވުމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެކަމާ ހިތްހަމަޖެހިވަޑައިނުގެން އެވާހަކަ ހުއްޓުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދަނީ ހެއްކާއި ބެހޭ ބިލަށް ބަހުސް ކުރުމެވެ. ބަހުސްގައި ވާހަކަ ދައްކަވަމުން ޓޮމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ދައުލަތުންނާއި ތަހުގީގީ އިދާރާތަކުންވެސް ނުފޫޒު ފޯރުވަމުން ދާކަމަށެވެ.
ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމް އިއްވި އިސް ގާޒީއަށް ފްލެޓެއް ނުވަތަ ކޮންމެވެސް އެހެން އެއްޗެއް ދޭގޮތަށް ހުކުމް ކުރަން ހުށަހެޅިކަމަށް ޓޮމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގައި މިއަދު އަންހެން ފަނޑިޔާރުން ތިއްބެވި ނަމަވެސް އެފަނޑިޔާރުންވެސް ނުފޫޒު ފޯރުވާ ކަމަށެވެ.
ޓޮމްގެ ވާހަކައިގައި އަންހެން ފަނޑިޔާރުންގެ ވާހަކަ ވިދާޅުވުމުން ރިޔާސަތުގައި އިންނަވައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ޓޮމްގެ ވާހަކަ ހުއްޓުވައިފަ އެވެ. ވިދާޅުވީ އެމޭރުމުން ވާހަކަ ދައްކަވާއިރު އަންހެން ފަނޑިޔާރުންގެ ނަން ވަކިން ގެންނަވަންޖެހޭ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ޓޮމްގެ ވާހަކަފުޅުގައި އެއްވެސް ފަނޑިޔާރަކަށް ކުޑައިމީސްބަހެއް ވިދާޅުވެފައެއް ނުވެ އެވެ. އެހެންނަމަވެސް އީވާ އޭނާގެ ވާހަކަ ހުއްޓުވުމުން ވިދާޅުވީ އަންހެން ބޭފުޅުންނަށް އަބަދުވެސް އިހުތިރާމް ކުރައްވާ ކަމަށާއި ކަނބަލުންގެ ހައްގުތަކުގެ ވާހަކަ އަބަދުވެސް ދައްކަވާ ކަމަށެވެ.
ރާއްޖޭގައި މުޅިން އަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އަންހެން ބޭފުޅުން ހަމަޖެއްސީ މި ސަރުކާރުގަ އެވެ.