އިސްލާމީ ގައުމުތަކުގެ ވެރިން އދ ގައި ތަގުރީރު ކުރައްވާއިރު ފްރާންސްފަދަ ގައުމުތަކުން އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރާ ކުރުން ކުށްވެރިކުރުން މުހިންމު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ފްރާންސްގައި މީގެ ކުރިން ވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނުތަކެއް ކުރަހައި އާންމުކޮށްފަ އެވެ. މިމައްސަލަ ވަރަށް ބޮޑަށް ހޫނުވެ އިސްލާމީ ގައުމުތަކުން އެކަން ކުށްވެރިވެސް ކުރި އެވެ.
ޑރ. ޝަހީމް ވިދާޅުވީ މިފަދަ ކަންކަން އދ ގައި ކުށްވެރިކުރަންޖެހޭނެ ކަމަށެވެ. އަދި އިސްލާމް ދީނާއިމެދު ބިރުވެރިކަން އުފެއްދުމާއި ދެކޮޅަށް ވާހަކަ ދައްކަވައި އިސްލާމް ދީނުގެ ރީތި ތަސައްވުރެއް ހާމަކުރަން އިސްލާމީ ގައުމުތަކުގެ ވެރިންނަށް ޖެހިވަޑައިގަންނަވާ ކަމަށެވެ.
އދ ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަގުރީރު ކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުން ކުށްވެރިކުރުމުގެ ވާހަކަ އެއްވެސް ވަރަކަށް ގެންނަވާފައެއް ނުވެ އެވެ. އެހެންނަމަވެސް ފަލަސްތީނު ފަދަ އަނިޔާ ލިބެމުންދާ މުސްލިމް ގައުމުގެ ދިފާއުގައި ރައީސް ވާހަކަ ދެއްކެވި އެވެ.
ރައީސްގެ އެވާހަކަފުޅަށް އިޝާރާތް ކުރައްވައި ޑރ. ޝަހީމް ވިދާޅުވީ ފަލަސްތީނުގެ ވާހަކަ އަކީ ކޮންމެ އަހަރަކު އެއްފަހަރު އދ ގައި އޮންނަ ފާތިހާއެއް ކަމަށެވެ. މި ފާތިހާ ކިޔާތާ 76 އަހަރު ވެފައިވާ ކަމަށާއި ފަލަސްތީނު މިނިވަން ކުރެވޭނީ އިސްލާމީ އުއްމަތުގައި އިސްލާމް ދީން ދެކެ ލޯބިވާ އިސްލާމީ އުއްމަތުގެ މަސްލަހަތަށްޓަކައި މަސައްކަތްކުރާ ވަރުގަދަ ޒައާމަތެއް އުފެދިގެންކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިންވެސް ބައެއް އިސްލާމީ ގައުމުތަކުގެ ވެރިން އެކި ފަހަރު މަތިން ފަލަސްތީނު ދިފާއުކޮށް ވާހަކަ ދެއްކެވި އެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރުވެސް ފަލަސްތީނާއި ދެކޮޅަށް އިޒްރާއީލުން ދެމުން ގެންދާ ލާއިންސާނީ އަނިޔާތައް ހުއްޓުވުމަކަށް ގެނައުމަށް އދ އޮތީ ނުކުޅެދިފަ އެވެ.