މިއަހަރުގެ މިހާތަނަށް 12.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އެއްފަހަރު އާންމުކުރާ ތަފާސް ހިސާބުތަކުގެ ތެރެއިން މިހަފްތާގެ ހިސާބުތައް ދައްކާ ގޮތުގައި މިހިނގާ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ދައުލަތަށް ވަނީ އާމްދަނީގެ ގޮތުގައި 12.5 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބުނީ 15.4 ބިލިއަން ރުފިޔާ އެވެ.
މިއަހަރު ލިބުނު އާމްދަނީގެ 73 އިންސައްތަ ހިއްސާ ކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެއީ 9.1 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި ލިބުނީ 10.9 ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރު ދައުލަތުން ކުރި ހަރަދުތައް ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން މިދިޔަ އަހަރު މިމުއްދަތުގައި 29.1 ބިލިއަން ރުފިޔާ ހަރަދު ކުރިއިރު މި އަހަރު ހަރަދު ކުރީ 20.2 ބިލިއަން ރުފިޔާ އެވެ. މިއަހަރު 76 އިންސައްތަ ހަރަދު ކޮށްފައިވަނީ ރިކަރަންޓު ހަރަދުތަކަށެވެ. އެއީ 15.4 ބިލިއަން ރުފިޔާ އެވެ.
ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާތްތައް ހަމަޖައްސަން 6.7 ބިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ހޭދަކޮށްފައިވާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.