އިންޑިއާ ސަރުކާރާއިއެކު ދިވެހި ސަރުކާރުން ހަދާފައިވާ އުތުރު ތިލަފަޅު ތަރައްގީ ކުރުމުގެ އެއްބަސްވުމުގެ އަސްލު ހޯދަން އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފި އެވެ.
މިމައްސަލަ އިދިކޮޅު ކޯލިޝަންގެ ފަރާތުން ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފު އުމަރު އެވެ. އެގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ޝަރީފް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އިންޑިއާ ސަރުކާރާއިއެކު ދިވެހި ސަރުކާރުން ހަދަމުންދާ ބައެއް އެއްވަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށާއި ސިޔާދަތު ގެއްލެމުން ދާކަމަށް ގިނަ ތުހުމަތުތަކެއް ކުރެވެމުން ދާކަމަށެވެ.
އުތުރުތިލަފަޅު ތަރައްގީކުރުމާއިބެހޭ އެއްބަސްވުމުގެ އަސްލު 241 ކޮމިޓީއަށް ލިބޭނެ ގޮތް ހައްދަވައިދެއްވަން މިއަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުގވެސް މަޖިލީހަށް ސިޓީއެއް ފޮނުވި އެވެ. އެކަން ޝަރީފުގެ ސިޓީގައިވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.
ޝަރީފު އިތުރަށް ވިދާޅުވީ ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮންނަ އިތުބާރާއި ދެގައުމުގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެއް އުފެދިފައިވާ އެކުވެރިކަމަށް ބުރޫ އަރާފަދަ ކަންކަން ވުމަކީ ދެގައުމުގެ ރައްޔިތުންނާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް ހުރި ނުރައްކަލެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތައް އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ފަހިވެގެން ހިނގައިދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
އުތުރުތިލަފަޅު އެއްބަސްވުމުގެ އިތުރުން ހައިޑްރޮގްރަފީއާ ބެހޭ އެއްބަސްވުމާއި ޑޯނިއޯ މަތިންދާބޯޓާއި ބެހޭ އެއްބަސްވުމުގެ އަސްލު ހޯދުމަށްވެސް ޝަރީފު ވަނީ 241 ކޮމިޓީއަށް ހުށަހަޅައިފަ އެވެ. އެ އެއްބަސްވުންތައް ދިރާސާކޮށް ގައުމީ ސަލާމަތާއި ސިޔާދަތަށް ނުރައްކާވާނެ ފަދަ އެއްވެސް ކަމެއް ހުރިތޯ ބަލަން ޝަރީފުގެ ސިޓީގައި ވަނީ އެދިލައްވައިފަ އެވެ.
އިންޑިއާ ސަރުކާރާއިއެކު ދިވެހި ސަރުކާރުން ހެދި ބައެއް އެއްބަސްވުންތަކުގެ ކޮޕީއެއް ކަމަށް ބެލެވޭ ލިޔުންތަކެއް މީގެ ކުރިން ލީކުވެސް ވި އެވެ. އެގޮތުން އުތުރުތިލަފަޅު އެއްބަސްވުން ކަމަށް ބެލެވޭ ލިޔުމެއް ލީކުވި އިރު އޭގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް 30 އަހަރުގެ މުއްދަތެއް ދީފައިވެ އެވެ. އަދި އިންޑިއާއިން ބޭނުންވާނަމަ އިތުރު 30 އަހަރަށްވެސް އެ ހުއްދަ އިތުރު ކުރެވޭނެ އެވެ.
ސަރުކާރުން ވަނީ އެ އެއްބަސްވުން ދޮގުކޮށްފަ އެވެ. އެގޮތުން ޑިފެންސް މިނިސްޓްރީން ބުނީ ލީކުވީ ސައްހަ ލިޔުމެއް ނޫންކަމަށާއި އަސްލު އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ އެއްވެސް ކަމެއް ހިމެނިފައި ނުވާނެ ކަމަށެވެ.
މީގެ ކުރިން ނޫސްވެރިންވެސް ވަނީ އިންޑިއާ އެއްބަސްވުންތަކުގެ ތަފްސީލު ހޯދަން އެދިފަ އެވެ. އެހެންނަމަވެސް އިންޑިއާއާއި މަސްލަހަތު ގެއްލި ދެގައުމުގެ ގުޅުމަށް ބުރޫ އަރައިފާނެތީ ކަމަށް ބުނެ ސަރުކާރުން އެ މައުލޫމާތު ހާމައެއް ނުކުރި އެވެ. އެ އެއްބަސްވުންތަކަކީ ސިއްރު އެއްބަސްވުންތަކެއް ނޫންނަމަވެސް ސަރުކާރުން ބުނަނީ ހާރިޖީ ސިޔާސަތުތަކަށް ބުރޫ އަރައިފާނެތީ އިންޑިއާ ސިފައިންނާއި ބެހޭ އެއްވެސް އެއްބަސްވުމެއް ހާމަކުރެވެން ނެތްކަމަށެވެ. ގުޅުމަށް ބުރޫއަރާނެ ސަބަބެއް ސަރުކާރަށް ބުނެދެވިފައެއް ނުވެ އެވެ.