އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފު، ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކުރަމް ކަމާލުއްދީންއަށް ކުރެއްވި މެސެޖެއް ސޯޝަލް މީޑިއާގައި އާންމުކުރެއްވި މައްސަލަ ހޫނުވެއްޖެ އެވެ.
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ފައިސާއިން މަންފާ ލިބުނުކަމުގެ ތުހުމަތުގައި ދައުލަތުގެ މަގާމުތަކުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްފަރާތް ކުރައްވާފައި ތިއްބެވި ދެ ބޭފުޅަކު، މިއަދު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރައްވަ އެވެ. އެއީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އަކުރަމް އެވެ. މި ދެ ބޭފުޅުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށާއި، ނޫންނަމަ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުވާނެ ކަމަށް ހަސަން ލަތީފު ވިދާޅުވި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރި އެވެ.
ރާއްޖޭގެ އޮންލައިން ނޫހަކުން ލިޔެފައިވާ ހަބަރެއްގެ ސްކްރީންޝޮޓެއް ނަންގަވައި އަކުރަމް ވަނީ ހަސަން ލަތީފަށް ފޮނުއްވައިފަ އެވެ. އަދި ވިދާޅުވީ "ވަރަށް ފައްކާ އިނގޭތޯ" މިހެންނެވެ.
"އަކުރަމް ވާހަކައެއް ނުބުނަން. ތިއޮތީ ހުސް ދޮގު. އަކުރަމްއަށް ކުރިމަތިލެވޭނެ ކަމަށް ނިންމީ އިސްތިއުނާފު ފަނޑިޔާރު މަޖިލީހަކުން ނޫނެއްނު" އަކުރަމްގެ މެސެޖަށް ޖަވާބު ދެއްވަމުން ހަސަން ލަތީފު ލިޔުއްވާފައި އޮތެވެ.
އަކުރަމް ވަނީ އެހެންކަމަށް ވާނަމަ އެކަން ދޮގުކުރައްވައި ރަސްމީކޮށް ބަޔާނެއް ނެރުމަށް އެދިވަޑައިގެންފަ އެވެ. މި މެސެޖުތަކުގެ ސްކްރީން ޝޮޓެއް އަކުރަމް ވަނީ އާންމު ކުރައްވައިފަ އެވެ. ބެލެވޭ ގޮތުގައި ސްކްރީން ޝޮޓު އާންމު ކުރެއްވީ ބަޔާން ނެރުއްވާފައި ނުވާތީ އެވެ.
މިއާއެކު އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވަނީ އަކުރަމްގެ އަމަލަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވިދާޅުވެފަ އެވެ. އަދި "ޕާސަނަލް މެސެޖެއް" އާންމުކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށްވެސް އަލީ އާޒިމް ވިދާޅުވި އެވެ.
Haadha dhashu fenvaruge amaleh. Personal text aamukurumakee kohgenvaanekameh noon, dhehtho @HassanLatheef ? https://t.co/tWIjLB5Y0A
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) September 24, 2021
އެމްޑީޕީ އެތެރޭގެ އިންތިހާބުގައި އަކުރަމް ވާދަކުރައްވަނީ މާލެ ސިޓީ ދާއިރާގެ ރައީސްކަމަށެވެ. އަކްރަމްގެ ވާދަވެރި ކެނޑިޑޭޓަކީ ކުރީގެ މޭޔަރު ޝިފާ މުހައްމަދު އެވެ.
އަކްރަމާއި މަހުލޫފަށް އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ހަސަން ލަތީފު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން މަންފާ ލިބުނުކަމުގެ ތުހުމަތު ކުރެވި އެ ދެބޭފުޅުން މަގާމުގެ ސަސްޕެންޝަނެއްގައި ހުންނަވަނިކޮށެވެ. މަހުލޫފަށް އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ކަނޑައަޅާފައި އޮއްވައި ފަހުން އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ވަނީ މަހުލޫފަށް ވާދަކުރެވޭނެކަމަށް ނިންމައިފަ އެވެ.
މިއަކު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ދެ ފެކްޝަނަކުން ކެނޑިޑޭޓުން ނިކުންނަވަ އެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެނޑިޑޭޓުންނާއި ރައީސް މުހައްމަދު ނަޝީދުގެ ކެނޑިޑޭޓުންނެވެ.