އަންނަ މަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފުޓުބޯޓަ ޓީމު ޕްރޮމޯޓު ކުރަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހަދާ އިޝްތިހާރު ތަކާއި މުބާރާތުގެ ރޫހާއި އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
އިއްޔެ އެފްއޭއެމްއިން އާންމުކުރި ވީޑިއޯއެއްގައި ކިޔައިދެނީ ސައިކަލު ދުއްވުމުގެ ލައިސަންސް ނަގަން މަސައްކަތް ކުރާ މީހެއްގެ ވާހަކައެވެ. އެމީހާ ތިން ފަހަރަށް މަސައްކަތް ކޮށްގެންވެސް ލައިސަންސް ނެގުމުގައި ވަނީ ފެއިލް އެވެ. ތިންވަނަ ފަހަރަށް ފެއިލް ވުމާއިއެކު އެމީހާ އުފާފާޅުކުރެ އެވެ. އެއާއެކު ނެރޭޝަންއިން ބުނަނީ ތިންފަހަރު ފެއިލް ވިޔަސް ތިންފަހަރަށް ސާފް ޗެމްޕިއަންޝިޕް ތަށި ނަގަން އުޅޭތީ އުފާކުރެވިދާނެ ކަމަށެވެ.
މިއީ އެކަންޏެއް ނޫނެވެ. ކުޑަ ކުދިންތަކެއް ބޯޅަ ކުޅެން އުޅޭ މަންޒަރު ފެންނަ އިޝްތިހާރެއްގެވެސް ހާލަކީ މިއީ އެވެ.
އެފްއޭއެމްގެ މި އިޝްތިހާރުތަކާއި ގުޅިގެން ހިޔާލުފާޅުކުރި ބައެއް މީހުން ބުނީ ނެގެޓިމް ކޮންސެޕްޓްތަކަށް އިޝްތިހާރު ހެދުމުގެ ބަދަލުގައި ޕޮޒިޓިވް ކޮންސެޕްޓުތަކުގައި އިޝްތިހާރު ހެދުން މުހިންމު ކަމަށެވެ. އަނެއް ބަޔަކު ބުނީ ގައުމީ ޓީމު، މުބާރާތުން ބަލިވުމުން ޝެއާކުރާނެ އިޝްތިހާރުތަކެއް ހަދަނީ ކަމަށެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ހެދި ލަވައަށްވެސް މިފަދަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ލަވަ ކިތަންމެހާވެސް ރީތިކަމަށް ގިނަ ބަޔަކު ފާހަގަކުރި އެވެ. ލަވައިގައި ގައުމީ ރޫހު ހުރިނަމަވެސް ފުޓުބޯޅައިގެ ފޯރި ނެތްކަން ބައެއް މީހުން ފާހަގަކުރި އެވެ.