އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތައް ކުރިކަމަށް ބެލެވޭ ކުންފުނި، އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 5 އަހަރުގެ ޖަލުގެ ހުކުމް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުންގެ ވާހަކަދެއްކެވި ވަކީލު ވިދާޅުވީ އެސްއޯއެފަކީ މި މައްސަލާގައި އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ވެހިކަލް ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ފެށުނުއިރު އެ ކުންފުނީގައި ޝާމިލުވާ ފަރާތްތައް ރާއްޖޭގައި ނެތުމުން އެ ފަރާތްތަކާ އެއިރު ތަހުގީގުގައި ސުވާލުކުރެވިފައިނުވާ ކަމަށްވެސް ވަކީލު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވަނީ ވޮޑުވުލާ ކުއްޔަށް ދިން މުއާމަލާތުން ލިބުނު 1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރި މައްސަލައިގަ އެވެ. އެފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރީ އެސްއޯއެފްގެ އެކައުންޓުންނެވެ. އެހެންނަމަވެސް އެއީ ވޮޑުމުލާ މުއާމަލާތުން ލިބުނު ފައިސާކަން ދައުލަތަށް ސާބިތުކޮށްދެވިފައެއް ނުވެ އެވެ. މަނީ ލޯންޑަރިންގެ ދައުވާ މި މުއާމަލާތާއި ގުޅިގެން އުފުލިނަމަވެސް ދައުލަތުން ބުނަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވީ ވޮޑުމުލާ މުއާމަލާތާއި ގުޅޭ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތާއިގުޅޭ މުޅި މައްސަލަ ތަހުގީގުކުރުމަށް އެސްއޯއެފް ކުންފުނީގައި ޝާމިލުވާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާތީ އެ ފަރާތްތަކާ ފަހުން ސުވާލުކުރެވިފައިވާ ކަމަށެވެ. ހަމައެހެންމެ ދައުލަތުން ނިންމާފައިވަނީ އެ ކުންފުނީގެ މައްޗަށް ދައުވާނުކުރަން ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
އެސްއޯއެފް ދިފާއުކޮށް ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު އިތުރަށް ވިދާޅުވީ ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް އެސްއޯއެފްގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.