ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމާއިމެދު އަންނަ ހަފްތާގެ ހޯމަ ދުވަހު ގޮތެއް ނިންމާނެކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
މަނީ ލޯންޑަރިންގެ މައްސަލައެއްގައި 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް އެ ހުކުމް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގެ މިއަދުގެ އަޑު އެހުމުގައި ފަނޑިޔާރުންގެ ބެންޗުން ބުނީ އެ މައްސަލައާ ގުޅޭގޮތުން އަދި އަލަށް ހުށަހަޅަން ބޭނުންވާ ހެކިތަކާ ބެހޭގޮތުން މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ވާހަކަ ދައްކައި ނިމިއްޖެ ނަމަ، އެ މައްސަލާގެ އެންމެ ފަހު އަޑުއެހުން އަންނަ ހޯމަ ދުވަހު ބާއްވާނެކަމަށާއި އަދި އެ އަޑުއެހުމުގައި ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމާއިމެދު މީގެ ކުރިން ހައި ކޯޓުން ނިންމާފައިވަނީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވާތީ ކަފާލާތު ދެވެން ނެތްކަމަށެވެ.
ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ވަގުތުން ދުރަށް ދައްކަމުން ދާއިރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރަކީ ގއ. ވޮޑުވުލާ ކުއްޔަށް ދީގެން ގާނޫނާއި ހިލާފަށް ހޯދި ފައިސާކަން ދައުލަތުގެ ވަކީލުންނަށް ސާބިތުކޮށްދެވިފައެއް ނުވެ އެވެ. ދައުލަތުން ބުނަނީ ގާނޫނު ބުނާގޮތުން އެކަން ސާބިތުކޮށްދޭކަށްވެސް ނުޖެހޭނެ އެވެ.
ރައީސް ޔާމީންގެ ވަކީލުން ވަނީ އެކަމަށް އިންކާރުކޮށް ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގައި ކުރިއަށް ގެންދިޔަ މަނީ ލޯންޑަރިންގެ މައްސަލަތަކުގެ ނިންމުންތަކަށް ރިއާޔަތްކޮށް އެކަމުގެ ހެކިވެސް ހުށަހަޅައިފަ އެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރު ފޮނުވި އެސްއޯއެފްގެ ކުންފުނީގެ އެކުންޓުގައި ހުރި ހުރިހާ ފައިސާއަކީ ހިޔާނާތުގެ ފައިސާތޯވެސް ސުޕްރީމް ކޯޓުން ތަކުރާރުކޮށް ދައުލަތާއި ސުވާލު ކުރި އެވެ. ހަތަރު ފަހަރު މި ސުވާލު ކުރުމުން ދައުލަތުން ބުނީ އެސްއޯއެފްއަށް އެހެނިހެން ވިޔަފާރިތަކުންވެސް ފައިދާވެފައިވާކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އެސްއޯއެފްގެ މައްޗަށް ދައުލަތުން ދައުވާ ނުކުރަން ނިންމާފައިވާކަމަށް ބުނެފަ އެވެ. ޕީޖީ އޮފީހުގެ ވަކީލުން ވިދާޅުވީ ދައުލަތަށް ގެއްލުނު ފައިސާ ހޯދަން އެސްއޯއެފްގެ އެއްބާރުލުން ބޭނުންވާތީ އެކުންފުނީގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.