ކޮވިޑް-19 ގެ ސަބަބުން ސަރުކާރުގެ އޮފީސްތަކުގެ ހިދުމަތް މެދުކެނޑުނު ދުވަސްތަކަށް ސިވިލް ސާވިސް މުވައްޒަފުންގެ އެލެވެންސް ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށް ބުނުމުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުވި ސިޓީއެއްގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ 2020 ވަނަ އަހަރުން ފެށިގެން ސިވިލް ސާވިސް މުވައްޒފުންގެ ޕާފޯމެންސް އެލެވެންސާއި ސެޓްފިކެޓް އެލެވެންސް ދިނުން މެދުކަނޑާލާފައި އޮތްއިރު މިއަދާ ހަމައަށްވެސް އެ އެލެވެންސް ނުދީ އޮތްނަމަވެސް އެލެވެންސްތައް އަނބުރާ ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށެވެ. އަދި ވިދާޅުވީ އެލެވެންސްތައް އަލުން ދޭން ފެށޭނީ ދައުލަތުގެ އާމްދަނީ ކުރިން ހުރި މިންވަރަށް އިއާދަވުމުން 2023 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ.
މިކަމަށް އިޝާރާތް ކުރައްވައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ނިމިގެންދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް އެތައް 100 ސިޔާސީ މަގާމުތަކެއް އުދެއްދި ކަމަށެވެ. އަދި މަސައްކަތެއް ނެތް ބައެއް ކުންފުނިތަކުގެ އޮނިގަނޑަށް ނުފެތޭ މިންވަރަށް ވޭޖު ސްޓާފުން އިތުރުކުރިއިރު ބައެއްގެ އަތުން ނިގުޅައިގަނެވުނު އެއްޗެއް ނުދެވޭންވީ ކީއްވެތޯވެސް ޝިޔާމް ސުވާލު އުފެއްދެވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ސަރުކާރުގެ ބައެއް ކުންފުނިތަކުން ވަޒީފާތައް އުފެއްދިކަމުގެ ތުހުމަތު ކުރީ އެޕާޓީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުންނެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރައްވާ ކެނޑިޑޭޓުންގެ އަރިސް މީހުންނަށް ސަރުކާރު ކުންފުނިތަކުން ވަޒީފާ ދިންކަމަށް އެމްޑީޕީން ތުހުމަތު ކުރި އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އިންތިހާއަށް ކުޑަވެ، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ މުސާރަ ބޮޑުވުމުން މުސާރަ އެއްހަމައަކަށް ގެނައުމަށް ދާދި ފަހުން ސިވިލް ސާވިސް މުވައްޒަފުން ވަނީ ހިމޭން އިހުތިޖާޖެއްވެސް ކޮށްފަ އެވެ. އެއާއެކު ސަރުކާރުން ބުނީ މިނިމަމް ވޭޖު ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އެހެންނަމަވެސް އެކަމަށްޓަކައި ބާއްވަން އުޅުނު ބޯޑު ބައްދަލުވުން އަދިވެސް ބާއްވާފައެއް ނުވެ އެވެ.
ސަރުކާރުން ފަހުން ބުނީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭނީ 2023 ވަނަ އަހަރު ކަމަށެވެ. 2023 ވަނަ އަހަރަކީ ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރު ނިމި ރިޔާސީ އިންތިހާބު ބާއްވާނެ އަހަރެވެ. އެއަހަރުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކުރުމަށް ސަރުކާރުން ދަނީ ވައުދުވަމުންނެވެ.