ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު މިއަދު މިއޮތީ މިއިން ދުވަހަކު ދަށަށް ނުދާހާ މިންވަރަށް ދަށަށް ގޮސްފަ އެވެ. މިއީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި އާމްދަނީ މިހާވަރަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މި ދަނޑިވަޅުގައި ސަރުކާރުން ދަނީ ހަރަދުތައް ފޫބެއްދުމަށް ބޭރުގެ ގައުމުތަކުން އިންތިހާއަށް ލޯނުތައްވެސް ނަގަމުންނެވެ. އެއާއެކު ރާއްޖޭގެ ދަރަނިވެސް މިހާރު ހުރީ އަތް ނުފޯރާ ފަށުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަންގާރަ ދުވަހު އޮތް ޖަލްސާއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުވެ ދައުލަތުގެ އާމްދަނީ އާންމު ހާލަތަށް ރުޖޫއަ ވާނެކަމަށް ބެލެވެނީ 2023 ވަނަ އަހަރު ކަމަށެވެ. އަދި އޭގެ ކުރިން ސަރުކާރު މުވައްޒަފުންގެ މުސާރަފަދަ ކަންކަން އަނބުރާ އިއާދަ ނުކުރެވޭނެ ކަމަށްވެސް އަމީރުގެ ސިޓީގައި ވިދާޅުވި އެވެ.
2014 ވަނަ އަހަރަކީ ރާއްޖޭގެ އިގްތިސޯދު އެއްވަރެއްގައި ހިފެހެއްޓިފައި ހުރި އަހަރެކެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އެއަހަރު ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު ފަށައިފަ އެވެ. އެއީ މާލެއާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިލަދިން "ސިނަމާލެ ބްރިޖު" ގެ މަޝްރޫއު އެވެ. އޭރު އިދިކޮޅުގައި އޮތް އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި އެތައް ބޭފުޅުންނެއް ގެންދެވީ ބްރިޖު އެޅުމާއި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. މިހާރުގެ ފިނޭންސް މިނިސްޓަރު އަމީރަކީ އޭގެ ތެރެއިން އެއް ބޭފުޅާ އެވެ.
"ބްރިޖު އެޅުމުގެ ސަބަބުން ހައްލުވާނީ ކޮން އިޖުތިމާއީ ނުވަތަ އިގްތިސޯދީ މައްސަލައެއް؟ ގައުމު އިގްތިސޯދީ ގޮތުން މިހާ ދަތި ހާލެއްގައި އޮއްވައި ބްރިޖު އަޅަން އިސްކަން ދިނުމާއި އަޅުގަނޑު ދެކޮޅު"
- ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
އަމީރު 2014 ވަަނަ އަހަރު މިފަދައިން ވިދާޅުވިއިރު މިހާރު ރާއްޖޭގެ އިގްތިސޯދު މިއޮތީ އޭރާ އަޅާ ބަލާއިރު 50 އިންސައްތައަށްވުރެއްވެސް ދަށް މިންވަރެއްގަ އެވެ. ފަތުރުވެރިކަމަށް ކުރި އަސަރުތަކުގެ ސަބަބުން އެކަމުން ލިބޭ އާމްދަނީވެސް ވަނީ އިންތިހާއަށް ދަށަށް ގޮސްފަ އެވެ. ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގައި ސަރުކާރު ނުކުޅެދިފައި އޮތްއިރު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިން އެކަނިވެސް މިކަން ވަޒަން ކޮށްލެވޭނެ އެވެ.
what social, ecmical issues will be solvd by buildin a bridge. i am against anyone prioritizin tht wen the whol cntry is in economic ruins
— Ibrahim Ameer (@iameeru) April 26, 2014
އެހެންނަމަވެސް މިސަރުކާރުން ވަނީ މާލެއާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅުވައިލަން ބްރިޖެއްގެ މަޝްރޫއު އިއުލާން ކޮށްފަ އެވެ. މި އަހަރު ނިމުމުގެ ކުރިން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެކަމަށް ސަރުކާރުން ބުނާއިރު ސިނަމާލެ ބްރިޖަށް ހޭދަވި މިންވަރުގެ ގާތްގަނޑަކަށް ދެގުނަ ތިލަމާލެ ބްރިޖަށް ހޭދަވާނެ އެވެ. ސަރުކާރުން މިކަން ކުރަނީވެސް ބޮޑު ލޯނެއް ނަގައިގެންނެވެ.
މިނިސްޓަރު އަމީރު 2014 ވަަނ އަހަރު ވިދާޅުވި ބަސްފުޅުގައި އިގްތިސޯދީ ގޮތުން ފާޅުކުރެއްވި ހިޔާލާއި ދެކިލައްވާ ގޮތް މިހާރު ބަދަލުވީތޯ ސުވާލު އުފެދެ އެވެ. މިއީ އިޖުތިމާއީ އަދި އިގްތިސޯދީ އެތައް މައްސަލައެއް ކުރިމަތިވެ، އެފަދަ މައްސަލަތައް އަތް ނުފޯރާ ފަށުގައި ހުރި ދުވަސްވަރަކަށް ވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަޅާ ބްރިޖުގެ ސަބަބުން ހައްލުވާނީ ކޮން އިޖުތިމާއީ މައްސަލައެއްތޯ މިއަދު ސުވާލު އުފެދެ އެވެ.