ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަން ސަރުކާރުން ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތީގެ ފުރާޅަށް ކުދިންނަށް ނޭރޭގޮތް ހަދައިފި އެވެ.
ފިޔަވަތި ފުރާޅަށް އަރައި ކުދިން އެތަނުގައި ތިބޭ މައްސަލަ މިފަހުން ވަނީ ވަރަށް ބޮޑަށް ފެންމަތިވެފަ އެވެ. މިމަހުގެ 17 ވަނަ ދުވަހު ވަނީ ކުދިންތަކެއް ފުރާޅަށް އަރައި ބޮޑު ހަމަނުޖެހުމެއްވެސް ހިންގައިފަ އެވެ.
އޭގެ ފަހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވަނީ ފިޔަވަތީގައި ވަގުތުން ވަގުތަށް ހައްލު ކުރަންޖެހޭ ކަންތައްތަކެއް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލައިފަ އެވެ. އޭގެ ތެރޭގައި ފިޔަވަތީގައި ހުރި އަލިފާން ނިއްވާ ފުޅިތައް އާކުރުމާއި، ކުދިންގެ އަދަދަށް އެކަށީގެންވާ މުވައްޒަފުން އިތުރު ކުރުންފަދަ ކަންކަން ހިމެނެ އެވެ. އަދި އިމާރާތުގެ ފުރާޅަށް ކުދިންނަށް ނޭރޭ ގޮތަށް ހަދަންވެސް ވަނީ އަންގައިފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފިޔަވަތީގެ ފުރާޅަށް ކުދިންނަށް ނޭރޭގޮތް ހެދީ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ޖެންޑާ މިނިސްޓްރީއަށް އެގޮތަށް އެންގުމުންނެވެ. މީގެ އިތުރުންވެސް ބައެއް މައްސަލަތައް މިހާރު ވަނީ ހައްލުކޮށްފަ އވެެ.
ފިޔަވައްޗަކީ އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްފައިވާ ތަނެކެވެ. އެހެންނަމަވެސް އެއަށްވުރެއް ބޮޑު އުމުރުގެ ކުދިންވެސް އެތަނުގައި ތިބެ އެވެ. މިކަން ހައްލުކޮށް ދޮށީ އުމުރުގެ ކުދިން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތްވެސް ޖެންޑާ މިނިސްޓްރީން ފެށި އެވެ.