ޖައްބާރު ބައެއްގެ ކިބައިން ސަލާމަތްވުމަށް ދުއާ ކޮށްދެއްވީތީ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރި ފަހުން ފުރަތަމަ ފަހަރަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެތަށް ހާސް ރައްޔިތުންގެ ހެޔޮ ދުއާ ސަލާމަތް ކޮށްދެއްވީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ.
ﷲ ތައާލާ ކަމަކަށް މިންވަރު ކުރައްވައިފި ނަމަ ކޮން ޖައްބާރެއްހޭ ދުނިޔެ މަތީގައި ވަނީ އެކަމަށް ހުރަސްއަޅާނެ
ރައީސް ޔާމީން ވިދާޅުވީ ﷲގެ ނިއުމަތަށް ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށްޓަކައި ކުރެއްވި ހެޔޮ ދުއާއަށް އެމަނިކުފާނު ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ﷲ ހައްގަށް ނަސްރު ދެއްވާނެކަމަށް ވިދާޅުވި އެވެ.
ޖައްބާރު ބައެއްގެ ކުރިމަތީ ހައްގުބަސް ބުނާއިރު އަޅުގަނޑުމެންނަށް އަންނަ އުނދަނގޫ ކުޑައެއް ނުވާނެ. އެހެންނަމަވެސް އަޅުގަނޑުމެން މުސްލިމުން އަޅުގަނޑުމެންގެ ދުއާ އަކީ ﷲ ބާރުވެރި ކުރައްވާފައިވާ ދުއާ އެއް. އެހެންކަމުން ދުވަސްތަކަކަށްފަހު ނަމަވެސް އަޅުގަނޑުމެން ގަބޫލު ކުރާ އުސޫލަކީ ﷲ ހައްގަށް ނަސްރު ދެއްވާނެއޭ.
މަނީ ލޯންޑަރިން މައްސަލަ ރައީސް ޔާމީންގެ މައްޗަށް ސާބިތުވީ ނޮވެމްބަރު 28، 2018ގަ އެވެ. އެ ހުކުމް ސާބިތު ނުވާކަމަށް ސުޕްރީމް ކޯޓުން ނިންމިއިރު އެހުކުމުގެ 2 އަހަރާއި ދެ ދުވަހުގެ މުއްދަތު އެމަނިކުފާނު ވަނީ ތަންފީޒު ކުރައްވާފަ އެވެ. ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނަމަވެސް ފުރާވަޑައިގަތުން މަނާކުރުމުގެ ހަތް ދުވަހުގެ އަމުރެއް ކްރިމިނަލް ކޯޓުން ވަނީ ނެރެފަ އެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ 2 މައްސަލައެއް ކްރިމިނަލް ކޯޓުގައި އެބައޮތެވެ. މި ދެ މައްސަލާގައި 4 ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލާފައެވެ. އެއީ ރ. ފުއްގިރި ޚިޔާނާތުގެ މައްސަލައާއި، ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައެވެ.