އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާއެކު މިހާރު ކޮމިޝަންގައި ތިއްބެވި ދެ މެމްބަރުން އިސްތިއުފާ ދެއްވައިފި އެވެ.
އެކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާއާއި ނައިބު ރައީސް ފާތިމަތު އަނޫލާގެ އިތުރުން މެންބަރު އައިޝަތު އަބްދުﷲ އިސްތިއުފާ ދެއްވާފައި މިވަނީ އެމެމްބަރުންގެ އިތުބާރު ނެތްކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީން ނިންމާފައިވަނިކޮށެވެ. ކޮމިޓީން އެގޮތަށް ނިންމާފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު ބޭއްވި ކޮމިޓީ ބައްދަލުވުމުގަ އެވެ.
އޭސީސީގެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮންނަ އެމްޑީޕީން ނިންމީ އެކޮމިޝަންގެ މަސައްކަތްތައް ލަސްކަމަށް ބުނެ އެވެ. އެގޮތުން އޭސީސީގެ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ އޮޑިޓެއް، އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށް މަޖިލީހަށް ހުށަހެޅިއިރު އޭގައި ބުނެފައިވަނީ އެމުއްދަތުގައި މަސައްކަތް ނިންމައި ޕީޖީއަށް ފޮނުވީ އެންމެ އެއް އިންސައްތަ މަސައްކަތް ކަމަށެވެ. އެހެންކަމުން ކޮމިޓީން ނިންމާފައިވަނީ އޭސީސީގެ މަސައްކަތްތައް ލަސްކަމަށެވެ.
އޭސީސީން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮޑިޓް ރިޕޯޓުގައި ހިމެނިފައިވާ މުއްދަތުގެ ތެރެއިން މިހާރުގެ މެމްބަރުން މަސައްކަތް ކޮށްފައިވަނީ 10 މަސްދުވަހުގެ މުއްދަތަކަށް ކަމަށެވެ. އެހެންކަމުން އޮޑިޓް ރިޕޯޓަށް ބަލައި އޭސީސީގެ މިދައުރުގެ މަސައްކަތްތައް ލަސްކަމަށް ނުދެންނެވޭނެ ކަމަށްވެސް އެކޮމިޝަންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ރަށްރަށަށް ދަތުރުކުރުން ފަދަ ކަންކަމުގައި ލަސްތަކެއް އައުމުގެ ސަބަބުންވެސް މަސައްކަތްތައް ލަސްވިކަމަށް އޭސީސީން ބުންޏެވެ. އެކޮމިޝަންގެ ބަޔާނުގައި ވަނީ މިނިވަންކަމާއިއެކު މަސައްކަތް ކޮށް ނުފޫޒު ނުފޯރުވޭތީ ނިޒާމުގެ ތެރެއިންނާއި ބޭރުން ފިއްތުންތަކެއް ދަނީ ކުރިމަތި ކުރުވަމުންނެވެ. އަދި މަޖިލީހުން ކޮމިޝަން މެމްބަރުން ވަކިކުރުމަށް ކުރާ މަސައްކަތަކީވެސް އެފަދަކަމެއްކަމަށް އޭސީސީން ބުންޏެވެ.