ކޮންމެ އަހަރަކުވެސް ޗުއްޓީއާއި ދިމާކޮށް މާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވާތީ އެފަދަ ކަންކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފި އެވެ.
މިއީ ކޮންމެ އަހަރެއްގެވެސް ސްކޫލު ޗުއްޓީއާއި ދިމާކޮށް ފުލުހުން ނެރޭ އިލްތިމާސްއެކެވެ. ހާއްސަކޮށް މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުން ޗުއްޓީ ހޭދަކޮށްލަން ރަށްރަށަށް ނުވަތަ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާއިރު މާލޭގައި ދިރިއުޅޭ ގެތައް ހުސްކޮށް ހުންނާތީ ކޮންމެ އަހަރަކުވެސް ވައްކަން ކުރުން އިތުރުވާކަން ފުލުހުން ފާހަގަކުރެއެވެ.
މިކަމަށް ރިއާޔަތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ހެޑް އޮފް ގަލޮޅު ޕޮލިސް ސްޓޭޝަންގެ މަގާމުގައި ހުންނަވާ، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ސުލްޠާން އަހުމަދު، ވިދާޅުވީ މިފަހަކަށް އައިސް މާލޭގައި އެކި ގޮތްގޮތަށް ވައްކަން ކޮށްފައި ހުންނަކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން ބައެއް ފަހަރު ވައްކަން ކުރާ މީހުންނަށް ފުރުސަތު ތަނަވަސްކޮށްދެވިފައި ހުންނަކަމަށާއި ފުރުސަތަކަށް ބަލަބަލާ ހުންނަ މީހަކަށް ކަމެއް ފެނުމުން ވައްކަމަށް އަރައިގަންނަކަމަށް ސުލްޠާން ވިދާޅުވި އެވެ.
"ފުރުސަތު ހަނިކުރުމަށްޓަކައި އާންމު ރައްޔިތުން ފަރުދީ ޒިންމާއެއް އެބައޮތް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. މިސާލަކަށް ދަތުރުފަތުރު ކުރައްވާއިރުގަ ގޭގެ ދޫކޮށްލާފަ، އެޕާޓްމެންޓް ދޫކޮށްލާފަ ވަޑައިގަންނަވާއިރު އެތަންތަން ރަނގަޅަށް ތަޅުލެވިފަތޯ ހުރީ، ތަޅުގެ ހާލަތު ރަނގަޅުތޯ، ކުޑަދޮރު ތަންތަން ރަނގަޅަށް ތަޅުލެވިފަތޯ،" ސުލްޠާން ވިދާޅުވި އެވެ.
ގެ އެއްކޮށް ބަންދުކޮށްފައި ދިޔުމުން ވައި ބޭރުނުވާތީ ބައެއް ފަރާތްތަކުން ކުޑަދޮރެއް ހުޅުވާފައިދާކަމަށާއި އެގޮތަށް ބަހައްޓާއިރު މީހަކަށް އެތެރެއަށް ނުވަދެވޭނެކަމުގެ ޔަގީންކަން އޮތް ދޮރެއް ހުޅުވާފައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ސުލްޠާން އިލްތިމާސް ކުރެއްވި އެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ގެއާ ކައިރިން އިމާރާތް ކުރާ ތަނެއް ހުރެއްޖެނަމަ އެދިމާލަކުންވެސް ނުވަދެވޭނެހެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ބެހެއްޓުން މުހިންމުކަމަށެވެ.
ޗުއްޓީ ދުވަސްވަރު ގިނަ ބަޔަކު ކަނޑުމަގުން ދަތުރުފަތުރުކުރާއިރު ކަނޑުމަތީގެ ރައްކާތެރިކަމަށް އިސްކަން ދިނުމަށްވެސް ސުލްޠާން އިލްތިމާސްކުރެއްވި އެވެ. އެގޮތުން މޫސުމަށް ސަމާލުކަން ދިނުން މުހިންމުކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކަނޑު އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކުން އެ އުޅަނދަށް މީހުން އެރުވުމަށް ހާއްސަކުރެވިފައިވާ އަދަދަށްވުރެއް ގިނައިން މީހުން ނޭރުވުމަށްވެސް ވިސްނަވަންޖެހޭ ކަމަށެވެ.
"ކަނޑުމަގުން ދަތުރު ކުރައްވާއިރު ލައިފް ޖެކެޓް، ލައިފް ވެސްޓު އެޅުއްވުމަކީވެސް ވަރަށް މުހިންމު ކަމެއް. ދޭތެރެ ދޭތެރެއިން ފެންނަކަމެއް. ބޮޑެތި ލޯންޗު ފަހަރުގަ، ފެރީ ލޯންޗުތަކުގަވެސް ބައެއް ފަހަރު ލައިފް ޖެކެޓު ބޭނުން ނުކޮށް ދަތުރުކުރާ މަންޒަރު. ހިތާމަވެރި ހާދިސާތައްވެސް ދިމާވެފަ އެބަ ހުރޭ" ސުލްޠާން ވިދާޅުވި އެވެ.
މީގެ އިތުރުން ސުލްޠާން ވަނީ މާލެއައި އަތޮޅު ތެރޭގައިވެސް ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ މިންވަރު މިހާރު އިތުރު ކަމަށާއި އަމިއްލަ ފަރާތްތަކުންވެސް އެކަމަށް އިސްކަން ދެއްވާކަމަށެވެ. ކެމެރާ ފުޓޭޖު ބަލައިގެން ވަރަށް ގިނަ މަސައްކަތްތައް މިހާރުވެސް ކުރެވޭކަން ފާހަގަކުރައްވަމުން ސުލްޠާން ވިދާޅުވީ ކެމެރާތައް ބޭނުންކޮށްގެން މީހުން ދެނެގަތުމާއި، ގެއްލޭ އެއްޗެއް ހޯދުމުގެ މަސައްކަތަށްވެސް ލުއިތަކެއް ލިބިގެންދާކަމަށެވެ. އޭނާ ވަނީ ވިޔަފާތައް ހިންގާ ފަރާތްތަކުން އަގުބޮޑެތި މުދާ ހުންނަ ތަންތަނުގައި ކެމެރާ ހަރުކުރުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވައިފަ އެވެ.
ބައެއް ސަރަހައްދުތަކުގައި މިހާރަކަށް އައިސް ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. ފޭރުމުގެ މައްސަލަތައް އިތުރުވާއިރު އެކަމަށް ހޭލުންތެރިވުން މުހިންމުކަމަށް ސުލްޠާން ވިދާޅުވި އެވެ. އެގޮތުން މަގުމަތިން ހިނގާއިރު ވަށައިގެންވާ މާހައުލަށް ސަމާލުވުމަށް އިލްތިމާސްކުރެއްވި އެވެ. އަތުގައި އޮންނަ ފޯނަށް ބަލައިގެން މަގު ހުރަސް ކުރުމާއި އަތުގައި އޮންނަ ކޮތަޅުފަދަ ތަކެއްޗަށް ރައްކާތެރިވުމުގެ އިތުރުން ފަހަތު ޖީބަށް ފޯނު ޖަހައިގެން މަގުމަތީގައި ނޫޅުމަށްވެސް ސުލްޠާން ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
އާ އަހަރާއި ދިމާކޮށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. މިއޮޕަރޭޝަންގައި މަގުމަތީގައި ހިނގާ ކުށްތަކަށް އޮންނަ ފުރުސަތުތައް ހަނިކުރަން ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ވައްކަމުގެ މައްސަލަތައް މަދުކުރުމަށްވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.