އިންޑިއާ މިލިޓަރީގެ އެހީ ހޯދައިގެން ރާއްޖޭގެ އިގްތިޞާދީ ސަރަހައްދު ސަލާމަތް ނުކުރެވޭ ކަމަށާއި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުންވެސް ނުހުއްޓުވުނުކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އުސްތާޒު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެ އެވެ.
ދިވެހި ޗެނަލްގެ ހަވާސާ ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އިދިކޮޅުން ނިކުންނަވާ ކެނޑިޑޭޓު، ފަތުހީ ވިދާޅުވީ "އިންޑިއާ އައުޓު" ގެ ނަމުގައި އިދިކޮޅުން ހިންގާ ކެމްޕެއިނަކީ އެއްވެސް ހާލަތެއްގައި އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ އިންޑިއާ ނަރުހުން ބޭރުކުރުމަށް ގޮވާލައި ހިންގާ ކެމްޕެއިނެއް ނޫންކަމަށެވެ. އަދި އިންޑިއާ ޓީޗަރުން ފޮނުވާލުމަށް ނުވަތަ ކޮޗިން ފެރީ ހުއްޓުވުމަށްވެސް އިދިކޮޅުން ގޮވާލަމުން ނުދާކަމަށް ފަތުހީ ވިދާޅުވި އެވެ.
މިހާރު ކަން ހިނގާ ގޮތަށް ބަލާއިރު އިދިކޮޅުން ދައްކާ ވާހަކައިގެ ހަގީގަތް ހާމަވެގެން ދާކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ފަތުހީ ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ނުހުއްޓުވޭ ކަމަށެވެ. އަދި އެމީހުން މިތާ ތިބުމަކުން މިސްކިތްތައް ނަޖިސް ކުރުމާއި މަގުމަތީގައި މަސްތުވާތަކެތި އާންމުވުންވެސް ނުހުއްޓުވޭ ކަމަށެވެ.
"އިސްލާމީ ދައުލަތެއްގެ ވާހަކަ މިދައްކަނީ. އިސްލާމް ދީނަށް ފުރައްސާރަ ކުރާއިރު އެކަމެއް ނުހުއްޓުވޭ. އެހެންވީމަ އަޅުގަނޑު މިދަންނަވާ ވާހަކައަކީ އިންޑިއާ އައުޓޭ މިބުނެވޭ ބަހުގެ މަތުލަބަކީ ދިވެހިރާއްޖޭގަ ތިބި އަސްކަރީ ސިފައިން ނުވަތަ އަސްކަރީ ބޭނުމަށް ދިގުމުއްދަތަކަށް އިންޑިއާ ސިފައިން ތިބެންޖެހޭ ސަބަބެއް ނެތޭ" ފަތުހީ ވިދާޅުވި އެވެ.
މީގެ އިތުރުން ފަތުހީ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ރާއްޖެ، ބައިނަލްއަގުވާމީ ގޮތުން އެކަހެރިވެފައި އޮތްކަމަށް އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ބޭރުގެ އިންވެސްޓަރުން ރާއްޖޭގެ މަޝްރޫއުތަކަށް އިންވެސްޓުކުރި ފަސް އަހަރު ކަމަށެވެ. އިންވެސްޓަރުން ނިސްބަތްވަނީ ހަމައެކަނި ޗައިނާއަށް ނޫންކަމަށާއި އިންޑިއާ އާއި އެމެރިކާ ފަދަ ގައުމުތަކުންވެސް އޭރު ރާއްޖެއަށް އިންވެސްޓުކުރިކަމަށް ފަތުހީ ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން ފަތުހީ ނެންގެވީ ކްރޮސް ރޯޑުގެ މަޝްރޫއު އެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް އިތުބާރެއް ނެތި ކްރޮސް ރޯޑުފަދަ ބިޔަ މަޝްރޫއުތަކަށް ބޭރުގެ ފަރާތްތަކުން އިންވެސްޓު ނުކުރާނެ ކަމަށާއި ރައީސް ޔާމީން ގެންގުޅުއްވި އިގްތިޞާދީ ވިސްނުންފުޅު އޭރު އިންވެސްޓަރުންނަށް ކަމުދިޔަ ކަމަށެވެ. މީގެ އިތުރުން އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއަށް ކުވައިތު ފަންޑުން ކުރި އިންވެސްޓުމެންޓުވެސް ފަތުހީ ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ބަދަލުވަމުންދާ ސިޔާސީ މަސްރަހާއި ގުޅޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ފަތުހީ ވިދާޅުވީ އަދިވެސް ރާއްޖޭގައި އޮތީ ދެ ފިކުރެއް ކަމަށެވެ. އެއީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ނިސްބަތްވާ ރައީސް ޔާމީންގެ ފިކުރާއި އެފިކުރާ ވާދަވެރި އެމްޑީޕީގެ ފިކުރުކަމަށް ފަތުހީ ވިދާޅުވި އެވެ.
އާ ފިކުރެއް ނުވަތަ ތިންވަނަ ފިކުރެއްކަމަށް ބުނެ އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީ އުފެއްދުމަށްޓަކައި އުޅުއްވި ބައެއް ބޭފުޅުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ކުރިން ޕާޓީއާއި ދުރަށް ވަޑައިގެންފައިވާކަމަށް ފަތުހީ ވިދާޅުވި އެވެ. އެފިކުރަކީ އާ ފިކުރެއްކަމަށް ވިދާޅުވިނަމަވެސް އެކަން ބިނާވާ މީހުންނަކީ ވަރަށް ބޮޑަށް ބާވެފައި ތިބި ބައެއްކަމަށް ފަތުހީ ވިދާޅުވި އެވެ.
"އެޑްވައިޒަރު ކަމުގަ ތަސްމީނު އަރިހުގަ ހުންނަވައިގެން ފެއިލްވެފަ. ރައީސް ވަހީދު އަރިހުގަ 2013 ގަ ކާމިޔާބު ވާނެއޭ ކިޔައިގެން އެވެސް ފެއިލްވެފަ. ދެން އެއްބޭފުޅަކު ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ. ދެން ކާނަލް ނާޒިމް. ރައީސް ޔާމީންގެ ވެރިކަމުގަ މިހާރު ވިދާޅުވަނީ އެއްވެސް ފުރުސަތެއް ނުދެއްވައޭ. ޑިފެންސް މިނިސްޓަރަކަށް، ހެލްތު މިނިސްޓަރަކަށް، އެލްޖީއޭގެ ރައީސްކަން، ފުރުސަތެއް ނުދޭތޯ؟ ކީއްވެތޯ ޕާފޯމް ނުކުރެވެންވީ" ފަތުހީ ވިދާޅުވި އެވެ.
ފަތުހީ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ މިސަރުކާރުން ވައުދުވި އެއްވެސް ކަމެއް ފުއްދިފައި ނުވާކަމަށާއި ރައްޔިތުން މިއަދު ތިބީ މާޔޫސްވެފައިކަމަށެވެ. އެހެންކަމުން ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ވިދާޅުވާން ބޭނުންފުޅުވަނީ ރައްޔިތުން ބޭނުންވާގޮތް ރައްޔިތުންގެ ދަރުބާރުގައި ފާޅުގައި ހާމަކުރުމަށްޓަކައި ނިޔަތް ގަނެގެން ރައްޔިތުންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާކަމަށެވެ.