ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޭޝް އެޖެންޓުންގެ އަދަދު 100އަށް އަރައިފިއެވެ.
ބީއެމްއެލްއިން ބުނީ ބީއެމްއެލްގެ ކޭޝް އޭޖެންޓް ބޭންކިންގ ޚިދުމަތް ގދ. ހޯނޑެއްދޫއަށް ތައާރަފުކޮށްފައިވާކަމަށެވެ. އަދި މިއާއެކު ޑިޕޮސިޓްކުރުމާއި ޕޭމަންޓް ހިދުމަތް ދޭ ބީއެމްއެލް ކޭޝް އެޖެންޓުންގެ އަދަދު 100 އަށް އަރާފައިވާކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ މިއީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ބްރާންޗެއް ނުވަތަ ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ހޯދޭނެ ނިޒާމެއް ކަމަށެވެ. އަދި މިއަހަރު ތެރޭގައި މި ޚިދުމަތް މީހުން ދިރިއުޅޭ އިތުރު ރަށްތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އެޖެންޓް ބޭންކިންގގެ ޚިދުމަތަކީ ބްރާންޗެއް އަދި އޭޓީއެމް އެއް ނެތް ރަށްރަށުގައި އެޖެންޓެއް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް ތައާރަފްކުރެވުނު ޚިދުމަތެކެވެ. 2015 ވަނަ އަހަރު މި ޚިދުމަތް ފެށިފައިވަނީ ހަމަ އެކަނި ފައިސާ ނެގުމުގެ ޚިދުމަތާއެކުވެ. އެހެންނަމަވެސް މިހާރު އެޖެންޓުން މެދުވެކޮށް އަތޮޅުތެރޭގައި އެއްވެސް ފީއަކާނުލައި ފައިސާ ނެގުމާއި، ޖާމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. ކަސްޓަމަރުންނަށް ކޭޝް އޭޖަންޓުން މެދުވެރިކޮށް ދުވާލަކު 2000 ރުފިޔާއާ ހަމަޔަށް ފައިސާ ނެގެއެވެ. އަދި ދުވާލަކު 10،000 ރުފިޔާއާ ހަމައަށް ފައިސާ ޖަމާކުރެވެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 76 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 134 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.