އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރުގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި މަރުގެ މައްސަލާގައި ހިމެނޭ މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ ނަރުސް ކަމުގެ ހުއްދަ، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން މިއަދު ބާތިލުކޮށްފި އެވެ.
އެ ކައުންސިލުން ބުނީ, އައިޖީއެމްއެޗްގެ އިމަރޖެންސީ ރޫމްގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ލަމްހާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން 04 ޖަނަވަރީ 2022 ވަނަ ދުވަހު, ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، އެހެން މީހެއްގެމުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެކުށުގެ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ ކައުންސިލަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އެހެންކަމުން ލަމްހާއަށް ދޫކޮށްފައިވާ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ އަދި ރެޖިސްޓަރޭޝަން ބާތިލުކޮށް ކައުންސިލުގެ ނަރުހުންގެ ދަފްތަރުން ދާއިމީކޮށް އުނިކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މޯލްޑިވްސް ނަރސިން އެންޑް މިޑްވައިފަރީ ކައުންސިލުން ބުނީ އައިޖީއެމްއެޗްގެ އިމަރޖެންސީ ރޫމްގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި ރެޖިސްޓަރޑް ނަރސްއެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މާވިންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން 04 ޖަނަވަރީ 2022 ވަނަ ދުވަހު ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން އޭނާއަށް ވެސް ދޫކޮށްފައިވާ, ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ އަދި ރެޖިސްޓަރޭޝަން ބާތިލުކޮށް, ކައުންސިލުގެ ނަރުހުންގެ ދަފްތަރުން ދާއިމީކޮށް އުނިކޮށްފައިވާކަމަށެވެ.
މޭރީ ގްރޭސް މަރާލި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރީ އޭނާގެ ފިރިމީހާ މާވިން އެވެ. މޭރީގެ މަރުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ 27 އޮކްޓޯބަރު ވީ ބުދަ ދުވަހުއެވެ. ލަމްހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މިމައްސަލައާ ގުޅިގެން ޖެނުއަރީ 20ވީ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ އަޑު އެހުމުގައި ދެމީހުންގެ ބަންދަށް 30 ދުވަސް ވަނީ ޖަހާފައެވެ.