ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ވަޑައިގެންނެވުމަށްފަހު އެނބުރި ވަޑައިނުގަތުމުން އޭނާ ޖާމިނު ކުރި ޔޫތު މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) 15 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް، އަލީ ވަހީދު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަތީ ހަތަރު މަހަށް ފަހު އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން އަޑުބަރޭ ކޯޓުގައި ޖާމިނުވެ އަލީ ވަހީދު ރާއްޖެ ގެނެސްދޭނެ ކަމަށް ވެފައިވާ އިގުރާރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުމުންނެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އަޑުއެހުމެއް ބާއްވައި، 72 ގަޑިއިރުތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ކޯޓުން އަޑުބަރޭއަށް އަމުރު ވެސް ކުރި އެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި އޭނާއަށް އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދެވިފައެއް ނުވެ އެވެ.
ކޯޓުގެ ހުުރުމަތް ކެނޑި ކަމަށް ބެލީ މިއަދު ކޯޓަށް ހާޒިރުވުމަށް އަންގާ ފޮނުވި ޗިޓް ރައްދުވެފައި އޮއްވާ އަސްއަދު ކޯޓަށް ހާޒިރު ނުވުމުންނެވެ. މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު، އަސްއަދު ޖަލަށްލުމަށް ހުކުމް ކުރީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.