އެންމެ ދާއިރާއެއްގެ ތިންހާހެއްހާ ވޯޓު ހޯދުމަށް މަސައްކަތް ކުރަނީ ކީއްވެގެންތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމަށާއި އެފަދަ މީހުންނަށް ދޭން އޮތް ޖަވާބަކީ އެއްވެސް ދާއިރާއެއް މި ސަރުކާރުން އެކަހެރި ނުކުރާނެކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ށ. މަރޮއްޓަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ އެއްވެސް ދާއިރާއެއް އެކަހެރިކޮށްފައި ބާއްވަން މި ސަރުކާރުން ބޭނުންނުވާ ކަމަށާއި ހުރިހާ ރަށެއްގެ ރައްޔިތުންގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ އަމާޒު ކަމަށެވެ.
ތަރައްގީގެ މަޝްރޫއުތައް ކޮމަންޑޫ ދާއިރާގައި ވެސް ކުރިއަށް ގެންދިޔުމަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. ސަރުކާރުން މިއަހަރު ކުރުމަށް ހަމަޖެހިފައިވާ ބައެއް މަސައްކަތްތަަކަށް އަލިއަޅުއްވާ ލައްވާ ރައީސް ވަނީ, އިސްލާމް ކިޔަވައިދޭ ޓީޗަރުން ތަމްރީނުކޮށް އިމާމުން ތަމްރީނު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
މަރޮށީގައި ވެސް ތަރައްގީއަށް ބޭނުންވާ ކަންތައްތައް މި ސަރުކާރުން ކޮށްދޭނެ ކަމަށާއި, ގިރާ ސަރަހައްދުގެ މައްސަލަ ހައްލުކޮށް، އެ ރަށުގައި އޭޓީއެމްގެ ޚިދުމަތް މިއަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.