ސްޓެލްކޯގެ މިއަހަރުގެ "ރަށްފެހި" ޕްރޮގްރާމު މިއަދު ފަށައިފިއެވެ.
ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގޭގައި މިއަދު ފެށި އެ ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޗެއާ އަހުމަދު ސަލީމެވެ.
މި ޕްރޮގްރާމު ފެށުމުގެ ގޮތުން މެންބަރު އަހުމަދު ސަލީމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވަނީ އެ ސަރަހައްދުގައި ދިވެހި ރުށް އިންދައިފައެވެ. އަދި ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން ކަރާ ގަސް ވެސް ވަނީ އިންޖީނުގޭގެ ގޯތި ތެރޭ އިންދައިފައެވެ.
އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުޣުނީ ވިދާޅުވީ، މިއީ ރައީސް ސޯލިހު ފެއްޓެވި ވަރަށް މުހިންމު ޕްރޮގްރާމެއްގެ ދަށުން ސްޓެލްކޯއިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި އަމާޒަކީ މިއަދު ސްޓެލްކޯގެ ހުރިހާ މުވައްޒަފުން، ހުރިހާ އައުޓްލެޓެއްގައި 6،000 ގަސް އިންދުން ކަމަށެވެ.
"ހަމައެކަނި އަޅުގަނޑުމެން ކުރާ ކަމަކީ ގަސް އިންދުމެއް ނޫން. ގަސް އިންދުމުން ރަމްޒު މިކޮށްދެނީ ކުންފުނީގެ މުޅި މަސައްކަތްތައް. ކުޑަކޮށް ފެށޭ ކަންކަން ރަނގަޅަށް ބެލެހެއްޓޭނަމަ އެކަމުގެ ފަސޭހަ ކުންފުނީގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ. މިދިޔަ އަހަރު 5000 ގަސް އިންދާފައިވާ އިރު، މިއަހަރުގެ ގޯލަކީ 6000 ގަސް އިންދުން،" މުޣުނީ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ސަލީމް ވިދާޅުވީ، މިފަދަ ކުންފުންޏަކުން، ގަސް އިންދުމުގެ ޕްރޮގްރާމު ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވަކި ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަ ނުކުރި ނަމަވެސް އަބަދުވެސް ގަސް އިންދުން ކުރިއަށްގެންދިއުމަށް އެދޭ ކަމަށެވެ. އަދި ސަރުކާރުން 2030 އަށް އަމާޒު ހިފާފައިވާ ކާބަން ނިއުޓްރަލް އަށް ވާސިލުވުމަށްވެސް ގަސް އިންދުމުގެ މުހިންމުކަން ސަލީމް ފާހަގަކުރެއްވިއެެވެ.
ރަށްފެހި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ އާ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް އެކުލަވާލައި ފެށުމަށް ވެވަޑައިގެންފައިވާ ވައުދާ ގުޅިގެން މުޅި ރާއްޖެ ފެހި ކުރުމަށް ފެއްޓެވި ޕްރޮގްރާމެކެވެ. ސްޓެލްކޯ "ރަށްފެހި" ޕްރޮގްރާމަކީ މިކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެެކެވެ. މި ޕްރޮގްރާމު މެދުކެނޑުމެއްނެތި ހަމައެކަނި ކުރިއަށްގެންދާ ކުންފުންޏަކީވެސް ސްޓެލްކޯއެވެ.
ސްޓެލްކޯ އިން 2019 ވަނަ އަހަރު ފެށި ރަށްފެހި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ވަނީ 10،000 އަށްވުރެ ގިނަ ގަސް އިންދައިފައެވެ. އެގޮތުން 2019 ވަނަ އަހަރު ސްޓެލްކޯ ރަށްފެހީގައި 2000 ގަސް އިންދާފައިވާ އިރު، ޖެހިގެން އައި 2020 ވަނަ އަހަރު 3000 ގަސް އަދި މިދިޔަ އަހަރު 5000 ގަސް ވަނީ އިންދައިފައެވެ.