ފެނަކަ ކޯޕަރޭޝަންގެ "ފެނަކަ އިންސްޓިޓިއުޓް" އިން 23 ދަރިވަރަކު ދަސްވެނިވެއްޖެއެވެ.
ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސް ލެވެލް ތިނެއްގެ ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ދީފައެވެ.
އެ ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވަނީ 23 ދަރިވަރުންނެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއެވެ.
ފެނަކަ އިންސްޓިޓިއުޓް އިން ފަށާފައިވާ މަސައްކަތަކީ ރާއްޖޭގެ ރަށްރަށުގެ އިންޖީނުގެ ތަކަށް ބޭނުންވާ، ތަމްރީނު ލިބިފައިވާ މީހުން ބިނާކުރުމުގެ މަސައްކަތްކަމަށް އެ ކުންފުނިން ބުނެއެވެ.
ފެނަކައިން ބުނީ އިންޖީން ރިޕެއާ އެންޑް މެއިންޓެނެންސް ކޯހުގައި ބައިވެރިވާ މީހުންނަށް، ޑީސަލް އިންޖީނުގެ ބައިތައް ކިޔައިދޭ ކަމަށާއި އެމީހުންނަށް ޑީސަލް ޖަނަރޭޓަރުގެ މެއިންޓެނެންސް މަސައްކަތް ކުރާނެ އަމަލީ ތަޖުރިބާ ލިބޭނެކަމަށެވެ.
އެ ކޯސް ކުރިއަށް ގެންގޮސްފައިވަނީ މަހަކު 3,000 ރުފިޔާގެ އެލަވަންސެއް ލިބޭ ގޮތަށެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ރާއްޖޭގެ އަށް ސަރަހައްދަކަށް އަމާޒުކޮށް އަށް ރަށެއްގަ އެވެ. އެއީ ށ. މިލަންދޫ، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ތ. ވިލިފުށި، ޏ. ފުވައްމުލައް، ދ. ކުޑަހުވަދޫ، ބ. އޭދަފުށި އައްޑޫ ހިތަދޫގަ އެވެ.
އެ ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސަޢީދު ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުން ފަންނާއި އިލްމު އުނގެނުމުގެ ސަބަބުން މިހާރު އެ ކުންފުނީގެ ޚިދުމަތްތައް ދިނުމުގައި ފަސޭހަތަކެއް ލިބިފައިވާކަމަށެވެ.
ސަޢީދު ވިދާޅުވީ ފެނަކަ އިންސްޓިއުޓުން ކުރާ ދެ ދިރާސާއެއް ދުނިޔޭގެ ނަން މަޝްހޫރު ޔުނިވާސިޓީތަކުން ބަލައިގަނެ، އެކަން އިޢުލާންކުރުން އެއީ އެ ކުންފުނީގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.
"އަޅުގަނޑުމެން މި ދަނީ ދެ ދިރާސާއެއް ކުރަމުން. ދުނިޔޭގެ ނަން މަޝްހޫރު ދެތިން ޔުނިވާސިޓީއެއް ގަބޫލުކޮށް ދުނިޔެއިން އެކަން އިއުލާންކުރާ ދުވަސް އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ ނެދަލެންޑުގެ އެންމެ މަޝްހޫރު އެއް ޔުނިވާސިޓީ ކަމަށްވާ ޑެލްފްޓް ޔުނިވާސިޓީއާ ގުޅިގެން ފެނަކައިން އިތުރު ދިރާސާތައްކޮށް ތަމްރީނު ޕްރޮގްރާމުތައް ހިންގުމަށް އެއްބަސްވާނެ ކަމަށެވެ.