މާލޭ ސަރަހައްދުގައި ޓެކްސީގެ އަގުތައް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ބޮޑުކުރުމަށް 14 ޓެކްސީ ސެންޓަރަކުން ނިންމައިފިއެވެ.
ރޭ އެ ޓެކްސީ ސެންޓަރުތަކުން ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު އެފަރާތްތަކުން ނިންމީ ތަކެތީގެ އަގަށާއި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ޓެކްސީގެ އަގު ވެސް ބޮޑު ކުރަން ޖެހޭ ކަމަށާއި އެކަމާއި ގުޅިގެން ޓެކްސީ ޑްރައިވަރުންނަށާއި ސެންޓަރުތަކަށް ގެއްލުން ވަމުންދާތީ ކަމަށް ބުނެއެވެ.
ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި އަގުތައް:
– މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް – 30 ރުފިޔާ
– ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރުތައް – 25 ރުފިޔާ
– ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތައް – 25 ރުފިޔާ
– ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް – 40 ރުފިޔާ
– ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް – 120 ރުފިޔާ
– މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް – 100 ރުފިޔާ
– އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް – 80 ރުފިޔާ
– އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް – 80 ރުފިޔާ
– ހުޅުމާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް – 100 ރުފިޔާ
– މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް – 100 ރުފިޔާ
– ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް – 120 ރުފިޔާ
ރޭގަނޑު 12:00 އިން ހެނދުނު 06:00 ކުރާ ދަތުރުތަކަށް އިތުރު ފީއެއްގެ ގޮތުގައި ފަސް ރުފިޔާ ނެގުމަށާއި ހަޔާކޮށްގެން ކުރާ ދަތުރުތަކަށް ގަޑިއިރަކަށް 250 ރުފިޔާ ނެގުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
ޓެކްސީ ސެންޓަރުތަކުން ނިންމާފައިވަނީ އަގުތައް ބޮޑުކުރުމަށް ސަރުކާރުން ހުއްދަ ނުދިން ނަމަވެސް ގިނަ ޑްރައިވަރުންނަށް އެއްބަސްވެވޭނަމަ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ބޮޑު އަގު ކަނޑައަޅައި، އެ އަގަށް ދަތުރުކުރުމަށެވެ.
ޓެކްސީ ނުލިބުމާއި ޓެކްސީގެ އަގު ބޮޑުވުމަކީ ރައްޔިތުންގެ ޝަކުވާ ބޮޑެވެ. އެކަމަކު މާލެ ސަރަހައްދުގައި ޓެކްސީކުރުމުގެ ހުއްދަ 1،200 އަށް ވުރެ ގިނަ ޓެކްސީތަކަށް ދީފައިވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެ މިނިސްޓްރީން ކަނޑައެޅި އާ އުސޫލުގައިވާ ގޮތުން މާލެ އިން ހުޅުމާލެ އަށް ކުރާ ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75ރ. އެވެ. އަދި މާލެ އިން ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓަށް ކުރާ ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 60ރ. އެވެ. އަނެއް ބަދަލަކީ ކުރިން މެންދަމު 12 އިން ފެށިގެން އަގު ބޮޑުކޮށް ދަތުރުކުރާ އުސޫލަށް އަމަލު ނުކުރެވޭ ގޮތަށް ހެދުމާއި ޑިކީ އަށް އެއްޗެއް އެރުވުމުން އިތުރަށް އަގު ނުނެގޭ ގޮތަށް ހެދުމެވެ.މާލެ އަދި ހުޅުމާލޭގައި ކުރާ ދަތުރުތަކަށް ނަގަމުން އައީ 25ރ. އެވެ.