މާލޭގެ މަސް މާރުކޭޓުގައި އަށި މަތީގައި ބަހައްޓައިގެން ތާޒާކޮށް މަސް ވިއްޖޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
މާލެ ސިޓި ކައުންސިލު އެގޮތަށް ހަމަޖައްސައި އެކަން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ. އެ ކައުންސިލުން ބުނީ މަސް ވިއްކޭ އުސޫލަށް ބަދަލު ގެންނަން ނިންމާފައި ވަނީ މަހުގެ ތާޒާކަން ދެމެހެއްޓޭ ގޮތަށް ހެދުމަށް ކަމަށެވެ. އެކަން ހަމަޖެއްސީ މަހުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ އިތުރުން ހިދުމަތް ލިބިގަންނަ ފަރާތްތަކާއިއެކުވެސް މަޝްވަރާ ކުރުމަށްފަހު ކަމަށް ކައުންސިލުން ބުންޏެވެ.
މީގެ ކުރިން އަށި މަތީގައި ބަހައްޓައިގެން މަސް ވިއްކާއިރު ތާޒާކަންމަތީ މަސް ނުހުރެ އެވެ. އެހެންވެ ގިނަ މީހުން މަސް ވިއްކަނީ އައިސް ބޮކްސްގައި މަސް ބަހައްޓައިގެންނެވެ.
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަސް މާރުކޭޓުގެ ކަންކަން ހަރުދަނާ ކުރުމަށް އިތުރު ނިންމުންތައް ވެސް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ނިންމާފައިވާ ކަންކަމުގެ ތެރޭގައި؛
ގުރުއަތު ނަގައިގެން އަށި ދޫކުރުން
ކުދި މަސް ވިއްކާ ގޮޅިތަކުން ހުކުރު ދުވަހުވެސް މަސް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުން
އެން ހިފައިގެން އަންނަ މަސްވެރިންނަށް ބަނދަރުގައި މަޑުކޮށްލައިގެން ތިބެވޭނެ ޖާގައެއް ހަމަޖެއްސުން
މަސް މާރުކޭޓު ސަރަހައްދުން އައިސް ލިބޭނެ ގޮތެއް ހެދުން
ތަން ސާފު ކޮށް ބަލަހައްޓާނެ އިންތިޒާމެއް ހަމަޖެއްސުން
މަސް މާރުކޭޓާ ބެހޭ ގަވައިދެއް ހަދާ ތަންފީޒުކުރުން
މަސް ކަންޑަން ބޭނުން ކުރާ ފެނުގެ ރައްކާތެރިކަން ކަނޑައެޅުން
ގަވައިދުން މަހުގެ ސާމްޕަލް ނެގުން
މާލެ ސިޓީ ކައުންސިލުން ބުނީ މަސް މާރުކޭޓުގެ އިތުރުން އެހެނިހެން މާރުކޭޓުތައް ހަރުދަނާ ކުރުމަށްވެސް ކުރިއަށް އޮތްތަނުގައި ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.
+1
+1
+1
+1
+1
+1