އަމާޒަކީ ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، ވަރަށް ކުރިއްސުރެ ސަލާމަތީ ޚިދުމަތްތަކުގެ ބޭފުޅުންނަށް އޮތް ބޯހިޔާވަހިކަމުގެ ދައްޗަށް އަދިވެސް ޙައްލެއް ނުލިބޭ ކަމަށެވެ. އެކި ސަރުކާރުން ނެއްޓެމުން، އަނެއް ސަރުކާރަށް ލައްގަމުން އައި މި ދެންނެވި ޕްރޮޖެކްޓް މިހާރު އެވަނީ ހިންގަން ފަށާފައި ކަމަށާއި ޕްލޭނިންގ މިނިސްޓްރީގެ ބެލުމުގެ ދަށުން އާ ކޮންޓްރެކްޓަރަކާ ޙަވާލުކުރެވި، ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް މިހާރު އެދަނީ ހިނގަމުން. ކަމަށެވެ. އަދި މި ސަރުކާރުގެއަމާޒަކީ، މި ފްލެޓްތަކުގެ މަސައްކަތް، މި އަހަރުގެ ނިޔަލަށް ނިންމުން. ކަމަށް ރައީސް ވިދާޅުވި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސަސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހުޅުމާލޭގައި ތަރައްގީކުރަމުންދާ ޕޮލްކޯ ފްލެޓްތަކުގައި ނުނިމިހުރި މަސައްކަތް ކުރަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެނެވެ.
ޕޮލްކޯ ފްލެޓްތަކުގައި ހިމެނެނީ ޖުމުލަ 361 ޔުނިޓްގެ ތިން ޓަވަރެވެ. އަދި ކޮންމެ ޔުނިޓެއްގެ ބޮޑުމިނަކީ އެވްރެޖްގޮތެއްގައި 1100 އަކަ ފޫޓެވެ. މި ޓަވަރުތަކުގައި އެޕާޓްމަންޓްތަކުގެ އިތުރުން، ޕާކިން އޭރިއާ، ކޮމާޝަލް އޭރިއާ އަދި މަލްޓިޕާޕޯސް ހޯލްގެ ވަސީލަތްތައް ހިމެނެއެވެ.
މި މަޝްރޫއުގެ އަގަކީ 274.6 މިލިއަން ރުފިޔާއެވެ. އަމީންއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު، 240 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.