މިއަހަރުގެ ފިތުރު ޒަކާތް މިއަދު ބަލައިގަންނަން ފަށައިފިއެވެ.
އިސްލާމިކު މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން އޮންލަންކޮށް ޒަކާތް ދެއްކޭ ގޮތް މިފަހަރުވެސް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ފިތުރު ޒަކާތް ބަލައިގަންނާނީ ދިރާގު ޕޭ، އެމް ފައިސާ، ފައިސާ މޮބައިލް، ޕޯޓަލް، ފަހިޕޭ އަދި ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ. ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.
މިނިސްޓްރީން ބުނީ، އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް އެ ފައިސާ ދައްކަން ބޭނުންނުވާ މީހުންނަށް މާދަމާއިން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ހޯލުން ޒަކާތް ބަލައިގަތުމުގެ ކަންތައްވެސް ކުރިއަށްގެންދާނެ ކަމަށެވެ. އެތަނުން ޒަކާތް ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 1:00 އަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގު، ފައިސާއިންނެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ނިއުސްކޮންފަރެންސެއްގައި، އިސްލާމިކު މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޒަކާތް ބަލައިގަންނާނީ އެއް ރޭޓުތަކެއްގައި ކަމަށެވެ.
ފިތުރު ޒަކާތުގެ ގޮވާމުގެ އަގު:
- އާދައިގެ ހަނޑޫ - 12 ރުފިޔާ
- ތައިލެންޑު ހުދު ހަނޑޫ - 77 ރުފިޔާ
- ރަތް ހަނޑޫ - 72 ރުފިޔާ
- ބާސްމަތީ އާދައިގެ ހަނޑޫ - 77 ރުފިޔާ
- ބާސްމަތީ މޮޅު ހަނޑޫ - 90 ރުފިޔާ
- ބާސްމަތީ އެންމެ މޮޅު ހަނޑޫ - 132 ރުފިޔާ
- އާދައިގެ ފުށް - 12 ރުފިޔާ
- އާޓާފުށް - 75 ރުފިޔާ