އުރީދޫ އާއި ތ. ކަނޑޫދޫ ކައުންސިލާ ގުޅިގެން ކަނޑޫދޫ މިރުސް، ބްރޭންޑަކަށް ހަދައި، ރޯދައަށް ހާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.
އުރީދޫގެ މި ކެމްޕޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފާއި ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލްހަމާދީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓާއި ކަނޑޫދޫ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މެންހެޓަން ބިޒްނަސް ހޮޓެލްގައި މިއަދު ބޭއްވި ހަފްލާގައި އުރީދޫއިން ވަނީ "ކަނޑޫދޫ މިރުސް" ބްރޭންޑް އިފްތިތާހުކޮށް ކަނޑޫދޫ މިރުސް ބްރޭންޑް ގައިޑްލައިންސް އާއި ހާއްސަ ލޯގޯ އާއި ވެބްސައިޓެއް ލޯންޗުކޮށްފައެވެ. އަދި ރޯދަ ހަދިޔާއެއްގެ ގޮތުގައި އުރީދޫ އިން ވަނީ އެންޒީއާ އެކު ކަނޑޫދޫ މިރުސް ބޭނުންކޮށްގެން ހާއްސަ ހޮޓް ސޯސްއެއްވެސް ތައާރަފްކޮށްފައެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ހާލިދު އަލްހަމާދީ ވިދާޅުވީ ކަނޑޫދޫ މިރުސް ބްރޭންޑަކަށް ހެދުމުގެ އުރީދޫގެ މައިގަނޑު މަގުސަދަކީ ކަަނޑޫދޫ މިރުހުގެ ފުރިހަމަ މަންފާ ރަަށުގެ ރައްޔިތުންނަށް ހޯދުމުގެ ފުރުސަތު ހޯދައިދީ އެ ރަށުގެ އިގުތިސޯދީ އަދި އިޖުތިމާއީ ކުރިއެރުން ފަހިކޮށްދިނުން ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް ކަނޑޫދޫ ރައްޔިތުންނާއެކު މި ބްރޭންޑް އިތުރަށް ކުރިއެރުވުމުގައި ދެމިތިބޭނެ ކަމުގެ ޔަަގީންކަން ހާލިދު އަލްހަމާދީ ވަނީ ދެއްވައިފައެވެ.
ރަސްމިއްޔާތުގައި ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ މިފަދަ ކޮންމެ ކަމަކީ އެކަމުގެ މަންފާ އާއި ހެޔޮ ބަދަލު ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ކައުންސިލުގެ އަމާޒަކީ ބްރޭންޑެއްގެ ގޮތުގައި މާކެޓަށް ނެރުނު ކަނޑޫދޫ މިރުހުން ލިބޭނެ މަންފާތަކަކީ ކޮބައިތޯ ހޯދައި ބަލައި، ކަނޑޫދޫގައި ހައްދާ ކުޅި މިރުހުގެ މަންފާ ކަނޑޫދޫ ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުން ކަމަށް ރީހާން ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި އަފްޝަން ލަތީފު ވިދާޅުވީ އުރީދޫ މޯލްޑިވްސް އާއި ކަނޑޫދޫ ކައުންސިލުން ގުޅިގެން މި ކުރެވުނު މަސައްކަތަކީ ރާއްޖޭގެ ރަށްރަށުގެ މުޖުތަަމަައުތަކުގެ އިގުތިސޯދު ކުރިއެރުވުމަށް އާ ފުރުސަތުތައް ފަހިކޮށްދިނުމުގައި ކުންފުނިތަކުގެ ބަައިވެރިވުމުގެ މުހިންމުކަން ދައްކުވައިދޭ ނަމޫނާ ޕާޓްނާޝިޕެއް ކަމަށެވެ.
މިއަދު މާކެޓަށް ނެރުނު ކަނޑޫދޫ މިރުސް ބްރޭންޑްގެ ހޮޓް ސޯސްގެ ބާވަތްތަައް ތަައްޔާރުކުރެވިފަައިވަނީީ ކުޅިރަހަ މަޑުކޮށް ކާ މީހުންނަަށްވެސް އަދި އެންމެ ކުޅިކޮށް ކާ މީހުންނަށްވެސް ކަމުދާނެގޮތަށެވެ. ކަނޑޫދޫ މިރުސް ހޮޓް ސޯސް ގަންނަން ބޭނުންވާ ފަރާތްތަކަށް ކަނޑޫދޫ މިރުސް ވެބްސައިޓް އަަދި އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ގަނެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ މި ކެމްޕޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އަފްޝަން ލަތީފާއި ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން އާއި ހާލިދު އަލްހަމާދީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓާއި ކަނޑޫދޫ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.