ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ބިޝްވަޖިތު މަޒުމްދާރު ހަމަޖައްސައިފިއެވެ.
މި މަގާމަށް ހަމަޖެއްސި ބިޝްވަޖިތު އަކީ އިންޓާނަލް އޮޑިޓިން، ބިޒްނަސް އޮޕަރޭޝަންސް އަދި ސްޓްރެޓެޖިކް ޕްލޭނިންގެ ދާއިރާއިން 35 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ. އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި ގިނަ ބޭންކުތަކެއްގައި ޗީފް އޮޓިޑް މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވާ ކަމަށާއި މީގެ ތެރޭގައި އަފްޣާނިސްތާން އިންޓަނޭޝަނަލް ބޭންކް، ސްޓޭޓް ބޭންކް އޮފް މޮރިޝަސް، އައިއެންޖީ ބޭންކް ލިމިޑެޓް، ބެންގަލޫރު ހިމެނޭ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ. ސެންޓްރަލް ބޭންކް އޮފް އޮމާންގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމުވެސް ބިޝްވަޖިތު އަދާކުރައްވާފައިވާ ކަމަށާއި ބީއެމްއެލްއާ ގުޅިވަޑައިގެންނެވުމުގެ ކުރިން އޭނާ ހުންނެވީ ކާބުލްގެ ޣާޒަންފަރު ބޭންކުގެ ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމުގައި ކަމަށް ވެސް ބީއެމްއިލް އިން މައުލޫމާތުދެއެވެ.
މި މަގާމަށް ބިޝްވަޖިތު އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އިންޓާނަލް އޮޑިޓިންގެ ދާއިރާގެ އިތުރުން ކޯޕަރޭޓް ގަވަރނަންސް، ރިސްކް މެނޭޖްމަންޓް އަދި ކޮންޕްލައަންސްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ބިޝްވަޖިތު ހޯދާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ލީޑަޝިޕް ޓީމާ ބިޝްވަޖިތު ގުޅިވަޑައިގަތުމާ ގުޅިގެން އޭނާއަށް މަރުހަބާ ދަންނަވަން. އަދި މި މަގާމުގައި އޭނާއަށް ކާމިޔާބަށް އެދެން." ޓިމް ވިދާޅުވިއެވެ.
ބިޝްވަޖިތު އަކީ އައިއައިއޭ، ޔޫއެސްއޭ އިން ސަޓިފައިޑް ޗީފް އިންޓާނަލް އޮޑިޓަރު (ސީއައިއޭ)، އަދި އިންޑިއާގެ ނިއު ދިއްލީ ގެ އައިސީއޭއައި އިން ޗާޓާޑް އެކައުންޓިން (އޭސީއޭ) ފުރިހަމަ ކޮށްފައިވާ ބޭފުޅެއް ކަމަށާއި އޭނާ ވަނީ ކަލްކަތާ ޔުނިވާސިޓީ އިން އެލްއެލްބީ ހާސިލުކޮށްފައި ކަމަށް ބީއެމްއިލް އިން މައުލޫމާތުދެއެވެ. އަދި ޔޫއެސްއޭ އިން ސާޓިފައިޑް އިންފޯމޭޝަން ސިސްޓަމްސް އޮޑިޓަރު (ސީއައިއެސްއޭ) އަދި ސަޓިފައިޑް ފްރޯޑް އެގްޒަމިނާ (ސީއެފްއީ) ފަދަ ގުޅުންހުރި ޕްރޮފެޝަނަލް ސެޓްފިކެޓްތައްވެސް އޭނާ ވަނީ ހާސިލުކޮށްފައި ކަމަށް ބީއެމްއެލް އިން މިއަދު ބުންޏެވެ.