ގޭބަންދުން ފިލައިގެން ދިޔައީ ޖަވާބުދޭން ޖެހޭ މައްސަލައެއް ނެތުމުން ކަމަށާއި އޭނާއަކީ މައުސޫމު މީހެއް ކަމަށް ރަޝިއާގެ ނޫސްވެރިޔާ މެރީނާ އޮވްސިއަނިކޯވާ ބުނެފި އެވެ.
މެރީނާ ވަނީ ޔޫކްރޭނުގައި ކުރިއަށް ގެންދާ މޮސްކޯގެ އަސްކަރީ ހަރަކާތްތަކާ ދެކޮޅަށް ލައިވް ޓީވީ ބްރޯޑްކާސްޓެއް މެދުކަނޑާލައި ރަޝިއާގެ ރައީސް ވްލާޑިމީރް ޕޫޓިންއަށް ފާޑުކިޔާ ބޯޑެއް ހިފައިގެން އެގައުމުގެ ސަރުކާރުގެ ވުޒާރާތައް ހިމެނޭ ސަރަހައްދުގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި އަމިއްލައަށް މުޒާހަރާ ކޮށްފަ އެވެ. އެބޯޑުގައި ޕޫޓިން އަކީ ގާތިލެއް ކަމަށް ބުނެފައި ވެއެވެ. މުޒާހަރާ ކުރިތާ ދުވަސްކޮޅެއް ފަހުން އޭނާ ވަނީ "ފޭކް ނިއުސް ފަތުރާ ކަމަށް ތުހުމަތުކޮށް" ހައްޔަރު ކުރުމަށްފަހު ދެ މަސް ދުވަހަށް ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
މެރީނާ ދެމަސް ދުވަހަށް ގޭބަންދަށް ބަދަލުކޮށްފައި ހުއްޓާ އަމިއްލައަށް ފިލައިގެން ގޮސް ޓެލެގްރާމުގައި އާންމުކުރި ވީޑިއޯގައި ބުނެފައިވަނީ އޭނާއަކީ މައުސޫމު މީހެއް ކަމަށެވެ. އަދި އޭނާއަށް ދެމަސްދުވަހުގެ މުއްދަތަށް ގޭބަންދަށް ލުމަކީ އޭނާ ގަބޫލުކުރާކަމެއް ނޫންކަމަށާއި ގޭބަންދަށް ބަދަލުކުރުމުން އެކަމަށް އަމަލުކުރަން އޭނާ ދެކޮޅުހަދާ ކަމަށެވެ. އަދި އޭނާގެ ފައިގައި އަޅުވާފައި ހުރި އިލެކްޓްރިކް ޓެގަށް އިޝާރަތްކޮށް އެ ވީޑިއޯގައި ބުނެފައިވަނީ އެކަހަލަ ޓެގެއް ޕޫޓިން ފައިގައި އެޅުމަށެވެ.
"މިކަހަލަ ޓެގެއް ޕޫޓިންއަށް އަޅާ" ފައިގައި ހަރުކޮށްފައި ހުރި ޓެގަށް އިޝާރާތްކޮށް މެރީނާ ބުނެފައި ވެ އެވެ.
މެރީނާގެ ވަކީލު ޑިމިޓްރީ ޒަޚްވަޓޯވް ވިދާޅުވީ އޭނާ ކޯޓަށް މިއަދު ހާޒިރުވާން ޖެހުނު ނަމަވެސް ތަހުގީގު ކުރާ ފަރާތްތަކުން އޭނާ ހުރި ތަނެއް ކަށަވަރު ނުކުރެވުމުން އެ އަޑުއެހުމެއް ބާއްވާފައި ވަނީ މެރީނާގެ ޣައިރު ހާޒިރުގައި ކަމަށެވެ.
ހަތިޔާރު އެޅި ސިފައިންނާ ބެހޭ ގޮތުން "ގަސްތުގައި ދޮގު މައުލޫމާތު" ފެތުރުމާއި ދެކޮޅަށް ރަޝިޔާއިން އާ ގާނޫނުތައް ފާސްކުރީ ޔޫކްރޭނަށް އަރައިގަތްތާ އަށް ދުވަސް ފަހުން މާޗް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ރަޝިއާ އިން ޔޫކްރެއިނަށް އެރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.
ރަޝިޔާގެ ހަތިޔާރު އެޅި ސިފައިންނާ ބެހޭ ގޮތުން ފޭކް ނިއުސް ފެތުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ މެރީނާއަށް އާ ގާނޫނުން 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ރަޝިއާ ޓުޑޭ އިން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ފިލައިގެން ގޮސްފައިވަނީ އޭނާގެ 11 އަހަރުގެ އަންހެން ދަރިފުޅާއެކު އެވެ. އޭނާ ހުރި ތަނެއް ނޭނގޭ ކަމަށާއި އަދި އޭނާ ދިޔައީ ކިހިނެއް ކަމެއް އަދި ދިޔައީ ކޮންތާކަށް ކަމެއް ސާފު ނުވާކަމަށް އެނޫހުން ރިޕޯޓު ކޮށްފައި ވެ އެވެ.