ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ބަހްރެއިނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހަވީރު އެ ގައުމަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ ދެކަނބަލުން ބަޙްރައިން އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން އެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ބަޙްރައިން ޑިފެންސް ފޯސްގެ ފަރާތުން ވަނީ އެ ދެކަނބަލުންގެ ޝަރަފުގައި އޮނަރ ގާޑެއް އަރުވާފައެވެ.
ރައީސްގެ ދެކަނބަލުންނަށާއި، ސަރުކާރުގެ މަތީފަންތީގެ ވަފްދުގެ ބޭފުޅުންނަށް ބަޙްރައިން އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީއާއި، ބަޙްރައިންގެ ޝާހީ ޢާއިލާގެ މެންބަރެއްކަމުގައިވާ އަދި ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ބޯޑު މެންބަރ ޝެއިޚާ ހެސާ ބިންތް ޚަލީފާ އަލް ޚަލީފާއެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން، ބަޙްރައިންގެ ދައުލަތުގެ ބައެއް އިއްޒަތްތެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ރަސްމީގޮތުން މަޝްވަރާކުރެއްވުމަށާއި، ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ ދެކަނބަލުންނާއި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފްދުގެ ބޭފުޅުން މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު އަށެއް ވާ ހޮނިހިރު ދުވަހުގައެވެ.