އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މަންދޫބުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާ ބައްދަލު ކުރައްވައިފި އެވެ.
ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައި ވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އިތުރުން ދުވާފަރު ދާއިރާގެ މެންބަރުން އިސްމާއީލް އަހްމަދު އެވެ.
މީގެ ކުރިން ވެސް ރައީސް ސޯލިހްގެ މަންދޫބުންގެ ތެރެއިން ނިޔާޒާއި ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ ވަނީ އުއްޗުއާ ބައްދަލު ކުރައްވާފައެވެ.
ރައީސް ސޯލިހުގެ މަންދޫބުންރާއްޖޭގެ އެންމެ މުއްސަނދި ބޭފުޅުންގެ ތެރޭގައި ހިމެނޭ އަދި ރިސޯޓު ވިޔަފާރީގައި އެންމެ ނުފޫޒު ގަދަ އެއްބޭފުޅާ އުއްޗުއާއި ބައްދަލު ކުރައްވަމުން ގެންދަވާއިރު ނިމިދިޔަ އެމްޑީޕީ ޕްރައިމަރީގައި ރައީސް ސޯލިހާއި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްދޫ ރިސޯޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ. އޭރު ބެލެވުނު ގޮތުގައި އުއްޗު ސަޕޯޓު ކުރެއްވީ ރައީސް ނަޝީދަށެވެ.
ރައީސް ސޯލިހުގެ މަންދޫބުންގެ ޓީމުގެ ބައްދަލުވުމާއި މިބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.