ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ދިފާއީ ގުޅުން ވަރުގަދަ ކުރަން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ޑިފެންސް ސެކެރެޓަރީ ގްރިދާރް އަރްމަނެ މަޝްވަރާ ކުރައްވައިފިއެވެ.
ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް ސެކެރެޓަރީ ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާ ވެސް ބައްދަލު ކުރައްވައި ދެ ގައުމުގެ ދެމެދު ގުޅުން ބަދަހި ކުރަން މަޝްވަރާކޮށްފައެވެ. އަދި ޑިފެންސް ސެކެރެޓަރީގެ ދަތުރުގައި ސެނެހިޔާ ހޮސްޕިޓަލަށް ސިއްހީ ސާމާނުތައް ވެސް ހަދިޔާ ކުރިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ޑިފެންސް ސެކެރެޓަރީ އާ އެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމު ދެމެދުގައި މިހާރު އޮތް ދިފާއީ ގުޅުމަށް ސްޓޭޓް މިނިސްޓަރު ހަލީލް މަރުހަބާ ދެންނެވި ކަމަށެވެ. އަދި އެމްއެންޑީއެފް އިތުރަށް ވަރުގަދަ ކުރަން އިންޑިއާ އިން ފޯރުކޮށްދީފައިވާ އެހީ އަށް ހަލީލް ޝުކުރު ދަންނަވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުމުގައި ހަލީލް ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ އަމާންކަމާއި ސުލްހަމަސްލަސްކަން ދެމެހެއްޓުމުގެ މުހިންމު ކަން ފާހަގަ ކުރައްވައިފައެވެ.
އަދި ދެ ގައުމުގެ ދިފާއީ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.
ޑިފެންސް ސެކެރެޓަރީ ރާއްޖެ ވަޑައިގެން އުޅުއްވަނީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ. އޭނާ ރާއްޖެ ވަޑައިގަތީ ރާއްޖެ-އިންޑިއާ ޑިފެންސް ކޯޕަރޭޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށެވެ.