ރުކަށި ފިކުރުގެ ނުފޫޒުތަކުން ޒުވާނުން އަހުލުވެރިކުރުމަށް ހަޔރ އެޑިޔުކޭޝަނުން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީޓީ) އަށް އެހީތެރިކަން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ދެއްވައިފި އެވެ.
އަނިޔާވެރި ހަރުކަށި ފިކުރު ހުއްޓުވުމަށް މަސައްކަތްކުރުމުގެ ނޭޝަނަލް އެކްޝަން ޕްލޭން މުރާޖައާ ކުރުމަށް ބޭއްވި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހަރުކަށިފިކުރުގެ ނުރައްކާތަކުން ހައްލު ހޯދުމަށް ތައުލީމީ ނިޒާމު އަލުން ބައްޓަން ކޮށް މަތީ ތައުލީމުދޭ މުއައްސަސާތަކާ ގުޅިގެން ހަރުކަށި ފިކުރާއި ދެކޮޅަށް އެކްޝަން ޕެލޭންތައް އެކުލަވާލުމަށާއި ހަރުކަށި ފިކުރުގެ ނުފޫޒުތަކުން ސަލާމަތްވުމުގެ މަގު ޒުވާނުންނަށް ފަހިކޮށްދޭން މިނިސްޓްރީން އެއްބާރުލުން ދެއްވާނެ ކަމަށެވެ. ހަރުކަށިފިކުރާ ދެކޮޅަށް މަޝްވަރާ ފޯރަމްތަކާއި،އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމާއި އެއްބާރުލުން ދިނުން ކުރިއެރުވުމަށް ބާއްވާ ކޮންފަރެންސްތައް ފަދަ ފުރުސަތުތައް އިތުރުކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ހަޔަރ އެޑިއުކޭޝަންގެ ލީޑިންގ އޮތޯރިޓީގެ ހައިސިއްޔަތުން އަޅުގަނޑުގެ ވެސް ދައުރެއް އެބައޮތް. އަޅުގަނޑު ޔަޤީންކޮށް އަރުވަން އަޅުގަނޑުގެ މިނިސްޓްރީން އެންސީޓީސީއަށް އެހީތެރިވެދޭނެ
މިނިސްޓަރ ވިދާޅުވީ ދީނީ ހޭލުންތެރިކަން އިތުރުކޮށް ރައްޔިތުންނާއި މުޖުތަމައު ފިކުރީ ގޮތުން ވަރުގަދަ ބަޔަކަށް ހެދުމަކީ ހަރުކަށި ފިކުރާއި ދެކޮޅަށް މުޖުތަމައެއް ބިނާކުރުމުގެ ހަމައެކަނި ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ހަރުކަށި ފިކުރު ހުއްޓުވުމަށް ބާއްވާ ވޯކްޝޮޕްގެ ބައިވެރިން ދޭ އެއްބާރުލުމަކީ ނޭޝަނަލް އެކްޝަން ޕްލޭންގެ ނަތީޖާ ހާސިލްކުރުމަށް އިދާރާތަކުން ބޭނުންވާ ފިޔަވަޅުތަކާއި އެހީތެރިކަން ދެނެގަތުމުގައި ނަތީޖާ ނެރެދޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ޤައުމު ހިމާޔަތްކޮށް ސުލްޙައާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން އަމިއްލައަށް ތަޢުލީމު ޙާޞިލުކޮށް އެހެން މީހުން ތަޙައްމަލުކުރާ އިންސާފުވެރި ބަޔަކަށް ހެދުމަށް ވަކާލާތު ކުރަން ޖެހޭ
އަނިޔާވެރި ހަރުކަށިފިކުރު ހުއްޓުވުމަށާއި އެކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް އެކްޝަން ޕްލޭން ކާމިޔާބުކަމާއެކު މުރާޖާކޮށް ތަންފީޒުކުރުމަށް ވޯކްޝޮޕްގެ ބައިވެރިން އެއްބާރުލުން މުހިއްމުކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ ހައްގުތަކާއި މިނިވަންކަމާއި ދީނީ އަގީދާ ވަރުގަދަ ކުރުމުގެ އިތުރުން މައްސަލަ ތަކުގެ ހައްލުހޯދުމަށް މަސައްކަތް ކުރުމަކީ މުހިއްމުކަމެއް ކަމަށެވެ. ގައުމުގެ ހަމަޖެހުމާއި އަމާންކަން ގާއިމްކުރެވޭނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް އެއްބައެއްގެ ގޮތަށް މަސައްކަތްކޮށް، ކުރިން އެކަމަށް މަސައްކަތް ކޮށްގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.