ފުލުހުންގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ ބިދޭސީއަކު ހޯދުމަށް އިއުލާންކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ ބަންގްލަދޭޝްގެ އެމްޑީ އަޒިޒަލް އިސްލާމް އެވެ.
ފުލުހުން ބުނީ އަޒިޒަލް އަކީ މ. މުލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހެއް ކަމަށެވެ.
ފުލުހުންގެ ތަހުގީގަށް އަޒިޒަލް ހާޒިރުކުރަން ބޭނުންވި ނަމަވެސް އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުކުރުމަށް ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
އެހެންވެ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް މިމަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު މުލި ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރިގައި ހުރި ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވާން ފުލުހުން ވަނީ އަޒިޒަލްއަށް އާންމުކޮށް އަންގާ އިއުލާންކޮށްފަ އެވެ.
އެމްޑީ އަޒިޒަލް އިސްލާމްއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.